'އަފުން އަޑޮ' ޕޯޓަލް އިފްތިތާޙްކޮށްފި

'އަފުން އަޑޮ' ޕޯޓަލް އިފްތިތާޙްކޮށްފި
28 މާރިޗް 2024

ފުވައްމުލައް ސިޓީ ކައުންސިލުން ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލާއި މަޝްވަރާ އެސިޓީއާއި ގުޅުންހުރި އެކި ކަންތައްތަކުގައި ހޯދުމަށާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އުފެއްދި ޕޯޓަލް 'އަފުން އަޑޮ' މިއަދު އިފްތިތާހްކޮށްފިއެވެ. އެގޮތުން މިޕޯޓަލް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

މިޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ފުވައްމުލަކާއި ގުޅުންހުރި މައުލޫތަކާއިމެދު ބަހުސްކޮށް ޚިޔާލު ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެކިކަހަލަ މައުޟޫ ތަކާ ގުޅޭ ޕޯލްތައް ބޭއްވި ރައްޔިތުންގެ ޚިޔާލު ހޯދަން މިޕޯޓަލް މެދުވެރިކޮށް މަގުފަހިވެގެންދާއިރު 'އަފުން އަޑޮ' ޕޯޓަލް މެދުވެރިކޮށް ކައުންސިލުން ހަދާ ގަވާއިދުތަކާއި އުސޫލްތައް ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމަށްފަސޭހަވެގެން ދާނެއެވެ. މީގެ އިތުރުން އެކިދާއިރާތަކާއި ގުޅުންހުރި ޕްރޮޕޯޒަލްތައް ހުށަހަޅާ، އެއަށް ޚިޔާލު ހޯދާ މަޝްވަރާ ކުރުމުގެފުރުސަތުގެ އިތުރުން ރައްޔިތުންގެ ބައިވެރިވުމާއި އެކު ބަޖެޓް ހެދުމަށްވެސް މިޕޯޓަލް މެދުވެރިކޮށް މަގުފަހިވެގެންދާނެއެވެ.

އީފާސް މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް ރަޖިސްޓަރ ކުރެވޭ މިޕޯޓަލްގައި ވަނީ މައުޟޫތަކާއި ގުޅުވައިގެން ބަހުސްކުރުމާއި، ޕްރޮޕޯޒަލްތައް ޑިޒައިންކޮށް ހުށައެޅުމާއި، ކައުންސިލުން ނިންމައި ނިންމުންތަކާއި އުސޫލުތަކާއި މެދު ހިތްހަމަޖެހޭ މިންވަރު ވަޒަންކުރުމުގެ ގޮތުން ޕޯލްއަކާއި، ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ޙިޔާލު ހޯދޭނެ ގޮތުގެ އިތުރަށް ބަޖެޓް ކަނޑައެޅުމުގައި ރައްޔިތުންގެ ޙިޔާލު ދެވޭނެ ގޮތެވެ.