އިސްލާމްދީނާއި ސައިންސް ފޯރަމް 1445 ރޭ ފަށައިފި

އިސްލާމްދީނާއި ސައިންސް ފޯރަމް 1445 ރޭ ފަށައިފި
19 މާރިޗް 2024

ފުވައްމުލައް ސިޓީ ކައުންސިލުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު ފުވައްމުލައް ސިޓީގެ ސްކޫލްތަކާއި ގުޅިގެން ކުރިއަށް ގެންދަމުން އަންނަ ދީނީ ފޯރަމް "ޤުރުއާނާއި ސައިންސް ފޯރަމް"ގެ ނަން "އިސްލާމްދީނާއި ސައިންސް ފޯރަމް"ގެ ނަމަށް ބަދަލުކޮށް މިފޯރަމްގެ ފުރަތަމަ ހުށައެޅުން ރޭ ބާއްވައިފިއެވެ.

2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިފޯރަމްގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި ދީނަށް އަހުލުވެރިކުރުމެވެ. ފުވައްމުލައް ސިޓީގައި ހުންނަ 7 ސްކޫލުންވެސް މި ފޯރަމްގައި މިއަހަރު ބައިވެރިވެފައިވާއިރު ކޮންމެ ސްކޫލެއްގެ ފޯރަމް ހުށައެޅުމުގައިވެސް 7 ދަރިވަރުން ބައިވެރިވާނެއެވެ.

މިފޯރަމް ކުރިއަށް ގެންދަނީ ކޮންމެ ސްކޫލަކަށްވެސް ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެމައުޟޫއު ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އަދި ދަރިވަރުންގެ ހުށައެޅުން ނިމުމުން ކޮންމެ ރެޔަކުވެސް ފޯރަމްގައި އިލްމުވެރިންގެ ޕެނަލްގައި ބައިވެރިވެވަޑައިގަންނަވާ އިލްމުވެރިން ދަރިވަރުންގެ ހުށައެޅުމަށް އަލިއަޅުވާލުމުގެ އިތުރުން މައުޟޫއާއި ގުޅޭގޮތުން އިތުރު މައުލޫމާތު ފޯރުކޯށްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފޯރަމްގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ،ޏ.އަތޮޅު ތައުލީމީ މަރުކަޒު، ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް ސްކޫލް، މުހައްމަދު ޖަމާލުއްދީން ސްކޫލް، ހާފިޒް އަޙްމަދު ސްކޫލް، ޒިކުރާ ސްކޫލް، އައިޑިއަލް ސްކޫލް އަދި ފުވައްމުލަކު ސްކޫލެވެ.

އެހެން އަހަރުތަކާއި ހިލާފަށް އާންމުންނަށް ފޯރަމް ބަލަން އަދި އަޑުއަހަން ވަނުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި މިއަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ ހާފިޒް އަހުމަދު ސްކޫލުގެ ހޯލުގައެވެ. ހުކުރު ދުވަސް ފިޔަވައި މިމަހުގެ 18 އިން 24 އަށް ކޮންމެ ރެއެއްގެ 21:00 ގައި އޮންނަ މިފޯރަމް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.