ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ޏ.ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓް ގެ ތެރެއިން A ކެޓަގަރީގެ ބާކީ ހުރި 35 ފްލެޓާއި B ކެޓަގަރީގެ 05 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު

11 ފެބުރުއަރީ 2020

މި 40 ފްލެޓް ދޫކުރުމަށް ކަނޑައެޅިފައިވާ ކެޓަގަރީތައް:

1. ކެޓަގަރީ A

މި ކެޓަގަރީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 35 ފްލެޓެވެ. މި 35 ފްލެޓަކީ ޏ.ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން ފްލެޓް ބޭނުންވާ ފަރާތްތަކަށް، ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

2. ކެޓަގަރީ B

މި ކެޓަގަރީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 05 ފްލެޓެވެ. މި 05 ފްލެޓަކީ ޏ.ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

ކެޓަގަރީ A އަދި B ގެ ދަށުން ދޫކުރާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުޞޫލު:

• ފްލެޓް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި -/19000(ނަވާރަހާސް) ރުފިޔާ ސަރުކާރަށް ދައްކަން ޖެހޭނެއެވެ. އަދި ޑައުންޕޭމަންޓް ދެއްކުމުގައި ފްލެޓް ލިބޭ ފަރާތްތަކުން ދެގޮތަކަށް ދެއްކުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. އެއީ

- ޑައުންޕޭމަންޓް އެއްފަހަރާ ދެއްކުން.
- ޑައުންޕޭމަންޓް ދެބަޔަކަށް ބަހާލައިގެން ދެއްކުން.

• އަދި 25 އަހަރު ދުވަހުން ފައިސާދައްކާ ޚަލާސްކުރާ އުޞޫލުން މަހަކު -/3000 (ތިންހާސް) ރުފިޔާ ސަރުކާރަށް ދައްކަން ޖެހޭނެއެވެ.

• މި ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން މިފްލެޓްތައް ރަހުނު ކުރެވޭނެއެވެ.

ފޯމު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

• އުމުރުން 21 އަހަރު ފުރިފައިވުން.

• ޏ.ފުވައްމުލަކުގެ ރަށްވެއްސެއްކަމުގައިވުން.

• ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން. 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއްނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން.

• ރާއްޖޭގެ އެއްވެސް ރަށެއްގައި، ތިމާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްއޮވެ މި ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނުވާނަމަ، މި ގޯތި، ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

• ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައި މީހަކަށް ދީފައިނުވުން.

• އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްގެ ވެރިއަކަށްވެ، އެގޯތި ރަޖިސްޓްރީކޮށްފައިވާ އެންމެންގެ މެދުގައި ހަމަހަމަކޮށް ބަހާލުމުން، ތިމާއަށް ލިބޭބައި 600 އަކަފޫޓަށްވުރެ ކުޑަވުން، އަދި އެ ގޯތިން ތިމާއަށްވާބައި، އެގޯތީގެ ބެހެނިވެރިންނަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ތިމާވުން. އަދި މި ގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ފޯމު ހުށަހަޅާ ފަރާތުގެ އަނބިމީހާ/ ފިރިމީހާގައި ހުންނަންޖެހޭ ޝަރުތުތައް:

• ޏ.ފުވައްމުލަކުގައި، ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ ނަމުގައި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން. 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއްނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން.

• ޏ.ފުވައްމުލަކުގައި، ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްއޮވެ މި ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނުވާނަމަ، މި ގޯތި، ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ކެޓަގަރީ B، ޏ.ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ 05 ފްލެޓް.

ފޯމު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

• އުމުރުން 21 އަހަރު ފުރިފައިވުން،

• ދިވެހި ރައްޔިތަކަށްވުން.

• ޏ.ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތަކަށްވުން.

• ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައި ނުވަތަ ދީފައިވާ މީހަކަށް ނުވުން

• ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ އެގޯއްޗަކާއި އެ ބޯހިޔާވަހިކަމެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން.

ފޯމު ހުށަހަޅާ ފަރާތުގެ އަނބިމީހާ/ ފިރިމީހާގައި ހުންނަންޖެހޭ ޝަރުތުތައް:

• ޏ.ފުވައްމުލަކުގައި، ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ ނަމުގައި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން. 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއްނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން.

• ޏ.ފުވައްމުލަކުގައި، ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްއޮވެ މި ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނުވާނަމަ، މި ގޯތި، ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ކެޓަގަރީ A، ޏ.ފުވައްމުލަކުގެ ރައްޔިތުންނަށް ހުޅުވާލެވޭ 35 ފްލެޓް ދޫކުރުމުގައި އިސްކަންދެވޭނެ ފަރާތްތައް ބެލުމަށްޓަކައި ޕޮއިންޓްދެވޭނެ އުޞޫލު:

1. އުމުރުން 21 އަހަރާއި 30 އަހަރާއި ދެމެދު 07 ޕޮއިންޓް

2. އުމުރުން 30 އަހަރުން މަތި 10 ޕޮއިންޓް

3. 18 އަހަރު ނުފުރޭ 1 ނުވަތަ 2 ދަރިން ތިބިނަމަ 05 ޕޮއިންޓް

4. 18 އަހަރު ނުފުރޭ 3 ނުވަތަ 4 ދަރިން ތިބިނަމަ 07 ޕޮއިންޓް

5. 18 އަހަރު ނުފުރޭ 4 ދަރިންނަށްވުރެ ގިނަދަރިން ތިބިނަމަ 10 ޕޮއިންޓް

6. ޚާއްސައެހީއަށް ބޭނުންވާ ފަރާތެއްނަމަ އަދި ޚާއްސައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ 07 ޕޮއިންޓް

7. ތިމާގެ ނަމުގައި އަދި ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ ނަމުގައި ލިބިފައިވާ އެއްވެސް ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ 17 ޕޮއިންޓް

ނުވަތަ، ތިމާގެ ނަމުގައި ލިބިފައިވާ އެއްވެސް ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ 12 ޕޮއިންޓް

8. ތިމާގެ ނަމުގައި ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަ، އަދި ދޫކޮށްލަން އެއްބަސްވެފައި ވާނަމަ 08 ޕޮއިންޓް

9. ތިމާގެ އަނބިމީހާ/ ފިރިމީހާއަށް ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަ، އަދި ދޫކޮށްލަން އެއްބަސްވެފައި ވާނަމަ 08 ޕޮއިންޓް

10. ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި، ދަރިންގެ މެދުގައި ހަމަހަމަކޮށް ބަހާލުމުން، ތިމާއަށް ލިބޭ ބިމުގެ ބޮޑުމިން 600

އަކަފޫޓަށްވުރެ ކުޑަ، އަދި ތިމާއަށް ލިބޭބައި މި ގޯތީގެ ބެހެނިވެރިންނަށް ދޫކޮށްލަން އެއްބަސްވެފައި ވާނަމަ 08 ޕޮއިންޓް

11. ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ނަމުގައި، އެއްވެސް އިރެއްގައި، ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ނުވަތަ

ބޯހިޔާވަހިކަމެއް ނެތްނަމަ 10 ޕޮއިންޓް

ކެޓަގަރީ B، ޏ.ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ 05 ފްލެޓް ދޫކުރުމުގައި އިސްކަންދެވޭނެ ފަރާތްތައް ބެލުމަށްޓަކައި ޕޮއިންޓްދެވޭނެ އުޞޫލު:

1. އުމުރުން 21 އަހަރާއި 35 އަހަރާއި ދެމެދު 10 ޕޮއިންޓް

2. އުމުރުން 35 އަހަރުން މަތި 07 ޕޮއިންޓް

3. ތިމާގެ ނަމުގައި އަދި ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ ނަމުގައި ލިބިފައިވާ އެއްވެސް ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ 17 ޕޮއިންޓް ނުވަތަ، ތިމާގެ ނަމުގައި ލިބިފައިވާ އެއްވެސް ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ 12 ޕޮއިންޓް

4. ޑިޕްލޮމާ ފެންވަރަށް ތަޢުލީމް ޙާސިލް ކޮށްފައިވާނަމަ 08 ޕޮއިންޓް

5. ޑިގްރީ/ މާރސްޓަރސް ޑިގްރީ/ ޕީ.އެޗް.ޑީ ފެންވަރަށް ތަޢުލީމް ޙާސިލް ކޮށްފައިވާނަމަ 15 ޕޮއިންޓް

6. ޏ.ފުވައްމުލަކަށް 200,000/- ރ (ދެލައްކަ) އަށްވުރެ ބޮޑު އިންވެސްޓެއް ކޮށްފައިވާނަމަ 10 ޕޮއިންޓް

7. ޏ.ފުވައްމުލަކު ސަރުކާރުގެ މުޢައްޞަސާއެއްގެ މަޤާމެއްގައި ނުވަތަ ޏ.ފުވައްމުލަކުގައި ހުންނަ ސަރުކާރު ބައިވެރިވާ ކުންފުންޏެއްގެ މަގާމެއްގައި މިހާރު މަސައްކަތް ކުރަމުންދާތާ 1 އަހަރު ވެފައިވުން 10 ޕޮއިންޓް

މާނަކުރުން އަދި އިތުރު މަޢުލޫމާތު:

• "ގޯތިދޫކޮށްލުން" މާނަކުރަނީ ގޯތީގައިވާ ރުއްގަހާއި، ކޮށްފައިވާ މަސައްކަތާއިއެކުގައި، އިތުރު ބަދަލެއް ލިބުމަކާއި ނުލައި، ދޫކޮށްލުމަށް.

• "ބޯހިޔާވަހިކަން" މާނަކުރުމުގައި، ގެއާއި ރޯހައުސްއާއި ފްލެޓް ހިމެނެއެވެ. ފްލެޓެއްނަމަ ބޮޑުމިން ބަލާނީ ފްލެޓްގެ ތަޅުމުގެ އޭރިއާއަށެވެ.

• ހާއްސައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާކަމުގެ ލިޔުން، އެއް އާއިލާއެއްގެ އެކަކަށްވުރެ ގިނަފަރާތުން ހުށަހެޅިނަމަވެސް، މި ޕޮއިންޓް ދެވޭނީ، މި ލިޔުން ހުށަހެޅި އާއިލާގެ މެންބަރުންގެ މެދުން އެއްބަސްވެވޭ އެއް މެންބަރަކަށެވެ. މިކަމުގައި މި ލިޔުން ހުށަހެޅި އާއިލާގެ މެންބަރުންނަށް ގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، މި ޕޮއިންޓް ލިބޭފަރާތް، ގުރުއަތުލައިގެން، ކަނޑައަޅާނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިންނެވެ. ނުވަތަ އެ ފުވައްމުލަކު ސިޓީ ކައުންސިލްގެ ކަނޑައަޅާ ފަރާތަކުންނެވެ.

• އުމުރު ހަމަވާކަން، ޝަރުތު ހަމަވާކަން، އަދި ހާލަތު (ފިރިމީހާގެ/ އަނބިމީހާގެ) ބަލާނީ ފޯމު ހުށަހެޅި ތާރީހަށެވެ.

• 'ވަރިވެފައިވުން' ކަމަށް ބެލެވޭނީ، މިފްލެޓްތަށް ދޫކުރުމަށް އިޢުލާންކުރުމުގެ ކުރިން، ކޯޓްމަރުހަލާގައި ވަރި ސާބިތުކޮށް ނިމިފައިވާނަމައެވެ.

• މައިންބަފައިންގެ ގޯތި، ދަރިންގެ މެދުގައި ހަމަހަމަކޮށް ބަހާލުމުން، ތިމާއަށް ލިބޭ ބައިގެ ބޮޑުމިން ބަލައި ކަނޑައަޅުއްވާނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ބެއްލެވުގެދަށުން، އެކައުންސިލުން އިންތިޒާމްކުރައްވާ ގޮތެއްގެމަތިންނެވެ.

• ދަރިންގެ ގޮތުގައި ޕޮއިންޓް ދިނުމަށް ބަލާނީ ފޯމު ހުށަހަޅާ ފަރާތުގެ އުފަން ދަރިންނާއި ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ތިމާ ބަލަންޖެހޭ ކުދިންނެވެ.

• ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.

• އިންވެސްޓް ކޮށްފައިވާކަމަށް ހުށަހަޅާ މިންވަރު، ޏ.އަތޮޅު ކައުންސިލް މެދުވެރިކޮށް ޗެކުކުރެވޭނެއެވެ.

• ޕޮއިންޓް ދިނުމުގައި، ފޯމު ހުށަހަޅާ ފަރާތުގެ ގޯއްޗާއި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބަލާނީ، "ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްތޯއެވެ".

• ޕޮއިންޓް ދިނުމުގައި، ފޯމު ހުށަހަޅާ ފަރާތުގެ އަނބިމީހާ/ ފިރިމީހާގެ ގޯއްޗާއި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބަލާނީ، ޏ.ފުވައްމުލަކަށެވެ.

• މީހެއްގެ ނަމުގައި ކަނޑައިދެވިފައިވާ ގޯއްޗެއް އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮއްފައި ނުވިނަމަވެސް، މި އުޞޫލުގެ ދަށުން، ޝަރުތު ފުރިހަމަވޭތޯ ބެލުމުގައާއި، ޕޮއިންޓް ދިނުމުގައި، އެ ގޯތި ބަލާނީ، އެފަރާތުގެ ނަމުގައި ލިބިފައިވާ ގޯއްޗެއްގެ ގޮތުގައެވެ.

• ކޯޓް ހުކުމެއްގެ ދަށުން މީހެއްގެ ނަމުގައި ލިބިފައިވާ ގޯތި، ރަޖިސްޓްރީ ކޮއްފައި ނުވިނަމަވެސް، މި އުޞޫލުގެ ދަށުން، ޝަރުތު ފުރިހަމަވޭތޯ ބެލުމުގައާއި، ޕޮއިންޓް ދިނުމުގައި، އެ ގޯތި ބަލާނީ، އެފަރާތުގެ ނަމުގައި ލިބިފައިވާ ގޯއްޗެއްގެ ގޮތުގައެވެ.

• ޝަރުޢީ ޙުކުމަކުން ލިބިފައިވާ ގޯއްޗާއި، ކަނޑައިދެވިފައިވާ ގޯތިތަކުގެ ތެރެއިން، ރަޖިސްޓްރީ ނުހަދާ ގޯތިތަކުގެ މަޢުލޫމާތު ދެއްވާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. ނުވަތަ ކަމާބެހޭ ސަރުކާރުގެ އިދާރާއަކުންނެވެ.

• މި ފްލެޓްތަކަށް ވަކިވަކިން ކުރިމަތިލުމުގެ ފުރުޞަތު، ދެމަފިރިންނަށްވެސް ލިބިދެއެވެ.

• ފްލެޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓެވެ.

• ފްލެޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިފައި ވުމުގެސަބަބުން ހަވާލުކުރެވޭ ފްލެޓް ދެމަފިރިންގެ ނަމުގައި ނުވަތަ ދެމަފިރިން އެއްބަސްވާ ގޮތެއްގެ މަތިން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ހަވާލުކޮށް ރަޖިސްޓްރީ ކޮށްދެވިދާނެއެވެ. މިކަމުގައި ދެމަފިރިންނަށް ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، ފްލެޓް ހަވާލުކުރާނެ ފަރާތެއް ގުރުއަތުލައިގެން، ކަނޑައަޅާނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިންނެވެ. ނުވަތަ އެ ފުވައްމުލަކު ސިޓީ ކައުންސިލްއިން ކަނޑައަޅާ ފަރާތަކުންނެވެ.

• ކެޓަގަރީ A ކަނޑައެޅިފައިވަނީ ފުވައްމުލަކުގެ ރައްޔިތުންނަށެވެ. ކެޓަގަރީ B ކަނޑައެޅިފައިވަނީ، ފުވައްމުލައްނޫން، އެހެން ރަށްރަށުގެ ބޭފުޅުންނަށެވެ.

• ލިޔެ ބަޔާންވެފައިނެތް ކަންކަމާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމާނީ، ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އިންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv