ގ. މަވާގެ، މާލެ ސިޓީ
2 December 1954 - 26 June 1957
އަލްފާޟިލް އަޙްމަދު ޢަބްދުﷲ ދީދީއަކީ މާލޭ އެއްގަމުގޭ ފާމުދޭރިކިލެގެފާނުގެ ޢަބްދުﷲ ދީދީގެ ދަރިކަލެކެވެ. މިބޭފުޅާ 'ފެންސިރު އަހައްމައިދީ' ގެ ނަމުންވެސް މަޝްހޫރުވެފައިވެއެވެ. 1954 ވަނަ އަހަރުގެ ޑިސެމްބަރު 2 ވަނަ ދުވަހު އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް، ފެންސިރު އަހައްމައިދީ ފުވައްމުލަކު އަތޮޅުވެރިކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ. ފެންސިރު އަހައްމައިދީ މި މަޤާމު ފުރުއްވީ 1957 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހާ ހަމައަށެވެ. އެއީ ޖުމްލަ 3 އަހަރާއި 2 މަހާއި 2 ދުވަހުގެ މުއްދަތެކެވެ.
ފެންސިރު އަހައްމައިދީގެ އަތޮޅުވެރިކަމުގެ ދައުރުގައި ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 'ބޮޑުފެންގަނޑު' ގެ ހާދިސާއެވެ. މިހާރުވެސް ފުވައްމުލަކުގެ އުމުރުން ދުވަސްވީ ގިނަ ބަޔަކު އެމީހުންގެ ޢުމުރު އަންދާޒާކުރާ މި ނުރައްކާތެރި ހާދިސާއިން އަރައިގަތުމަށް ފެންސިރު އަހައްމައިދީކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް، ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް އެދުވަސްވަރު ދިރިއުޅުނު މީހުންގެ ހަނދާންތަކުގައި އަދިވެސް ދެމިއޮވެއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަޙްމަދު ދީދީގެ އިސްނެންގެވުމުގެ ދަށުން، އޭރު ފުވައްމުލަކުގައި ހިންގަމުން އައި މަދްރަސަތުލް ހަނިއްޔާ އާއި މަދްރަސަތުލް ހިދާޔާ އުވާލެވުނެވެ. އޭގެ ބަދަލުގައި، 1955 ވަނަ އަހަރުގެ މެއި 24 ވަނަ ދުވަހު، މިހާރުގެ ސިޓީ ކައުންސިލް އިދާރާ ހުންނަ ބިމުގައި 'މަދްރަސަތުލް އިނާޔާ' ގެ ނަމުގައި އައު މަދަރުސާއެއް ހިންގަން ފެށުނެވެ. އެދުވަސްވަރުގެ ވަސީލަތްތަކާ އެއްގޮތަށް، މި މަދަރުސާ އިމާރާތްކުރެވިފައިވަނީ ބިމުގައި ރުއްމުޑި ޖައްސަވައި، ފަނުން ހިޔާކޮށްގެންނެވެ.