ބުނެވޭގޮތުގައި ފުވައްމުލައް ފުރަތަމަފަހަރަށް ފަޅުވެފައިވަނިކޮށް ރަށްކޮށައި އާބާދުކުރި ބޭފުޅަކީ ޢަލީ އަޑަފިކަލޭގެ އާއި އޭނާގެ އެކުވެރިންނެވެ. މި އަލީ އަޑަފިކަލޭގެ އަކީ ޔޫސުފު ނާއިބު ކަލޭގެފާނުގެ ފުތް ދޮން ޙަސަން ޚަތީބު ކަލޭގެ ފުތް ކަނބުރު އަދަރަހަން ޚަތީބުގެ ފުތް އުޠުވާނު ޚަޠީބުގެ ފުތް ސީދި ނާއިބުކަލޭގެ ފުތް އަލީ އަޑަފި ކަލޭގެ އެވެ. މީނާ ވަޒަންވެރިވެ އުޅުނީ މިރަށުގެ މާދަޑު އަވަށު ކެޑޭރެ ގޭގައެވެ. މި އަލީ އަޑަފި ކަލޭގެފާނު ބިނާކުރެއްވި މިސްކިތުގެ ނަމަކީ ކެޑޭރެ މިސްކިތެވެ. މިމިސްކިތް ބިނާކުރެވުނު ތާރީޚަކީ މީލާދީ ސަނަތުން 1550-1555 ވަނައަހަރާއި ދެމެދުގައެވެ.
މިމިސްކިތް ބިނާކުރެވިފައިވަނީ ވެލިގަލުންނެވެ. މިސްކިތުގެ ވެއުވެސް ބިނާކުރެވިފައިވަނީ ވެލިގަލުންނެވެ. ކާބަފައިންގެ ބުރަމަސައްކަތާއި ފަންނުވެރިކަމާއި އެބައިމީހުންގެ އިޙުސާސްތައް މިޖީލަށް ގެނެސްދޭ މިގަދީމީ ބިނާގެ ވަށައިގެންވަނީ ގަބުރުސްތާނެކެވެ. މިމިސްކިތުގެ މަސައްކަތްތެރިކަމާއިމެދު ދިރާސާކުރައްވާ ބޭފުޅެއްކަމުގައިވާ ޑރ.ތޯހައިޑާލް ވެސްވަނީ އަޅުގަނޑުމެންގެ ކާބަފައިންނަށް ތަޢުރީފުކުރައްވާ ލިޔުއްވާފައެވެ.
މިމިސްކިތުގެ ގަބުރުސްތާނުގައި ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ވާރުވެރިޔާ، ފުވައްމުލަކު ގަލްއަޑިގެދަރި ދޮންސިއްތީބޫ ފަސްދާނުލެވިފައިވެއެވެ. އަދިމީގެއިތުރުން 40 ޙާފިޒުން ފަސްދާނުލެވިފައިވާ ކަމުގައި ވެއެވެ. މިވާހަކައާއި ގުޅިގެން ދެކެވިފައިވާ ވާހަކަގައި، ކޮންމެ ޙާފިޒެއްގެ މަހާނައިގެ އިސްކޮޅު ގައި ވަށް ހިރިގަލެއް ވަޅުލާފައިވާނެކަމަށް ބުނެވިފައިވަނިކޮށް، މި ގަބުރުސްތާނުގެ މަހާނަތަކެއްގެ އިސްކޮޅުން މިފަދަ ހިރިގާ ވަޅުލާފައިހުއްޓާ މިއަދު ފެންނަމުން އެބަދެއެވެ. އެހެންކަމުން ދެކެވެމުންއައި މިވާހަކަތަކުގެ ޙަޤީގަތް މިއަދުމިވަނީ ހާމަވެފައެވެ.
ފުވައްމުލައް