ހަވިއްތަ

24 އޯގަސްޓް 2019

ފުވައްމުލަކު ހަވިއްތައަކީ އިހުޒަމާނުގައި ވޭރެގަން ކިޔާއުޅުނު ސަރަޙައްދުގައި ހުރި ބުޑިޒަމްގެ ބިނާއެކެވެ. ނުވަތަ ދާގަބާއެކެވެ. ދާގަބާއަކީ އެވޭލާޒަމާނުގައި ބުދުދީނާއި ހިންދޫދީނަށް އަޅުކަންކުރި އަޅުގަނޑުމެންގެ ކާބަފައިން ވަކި ތަރުތީބަކުން ބައްޓަންތަކަކަށް ހަދާފައިވާ ބިނާތަކެކެވެ. މިބިނާތަކަކީ ހިންދޫ އަދި ބުޑިޒަމްގެ މީހުން އަޅުކަންކުރާތަންތަނާއި ދާދި އެއްގޮތަކަށް ފަރުމާކުރެވިފައިވާ ގަދީމީ ބިނާތަކެކެވެ. ދިވެހިބަހުން މިފަދަ ތަންތަނަށް ބައެއްހިސާބުތަކުގެ މީހުން ހަވިއްތަ ކިޔަމުން އައިނަމަވެސް، މިގޮތައް ފަރުމާކުރެވިފައިވާ އަޅުކަމުގެ ކިއްލާ (ކެމްޕަސް) ނުވަތަ ވޭރުގެ ތެރޭގައި ހިމެނޭ ތަންތަނުގެ ސިފަޔާއި ބައްޓަމަށް ބަލައިގެން ކިޔާ ޚާއްސަ ނަންތަކެއް ހުރެއެވެ. އެގޮތުން ފުވައްމުލަކުގެ ހަވިއްތަ އަކީ ސްޓޫޕާ އަކާއި، ފަރުމާކުރެވިފައި ހުރިގޮތުންނާއި، ބައްޓަމުގެ ގޮތުން ތަފާތެއްނެތް ގަދީމީ ބިނާތަކެއް އެކުލެވޭ ވޭރެކެވެ. ސްޓޫޕާ ބިނާކުރެވިފައިވަނީ ތިރިއަށްފަލަކޮށް މައްޗަށް ހިމަކޮށް ވަށްބައްޓަމަކަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި މިފަދަ ބިނާތަކާއި ގުޅޭ ރިސާރޗެއް ފުރަތަމަ ހަދަންފެށިފައިވަނީ 1922މ ގައި ސިލޯނުސަރުކާރާއި ގުޅިގެންނެވެ. މިމަސައްކަތުގައި ދިވެހިން ޢަމަލީގޮތެއްގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިމަސައްކަތުގައި އިސްބެއިފުޅެއްގެގޮތުގައި ހުންނެވީ ރާއްޖޭގެ ތާރީޚާއި ބެހޭގޮތުން ފޮތްލިޔުއްވި އެޗް.ސީ.ޕީ. ބެލްއެވެ. އެޗް.ސީ.ޕީ. ބެލް 1922 ވަނައަހަރު ހަވިއްތައާއި ބެހޭ ދިރާސަކުރެއްވުމަށްފަހު 1946 ވަނައަހަރު ސަރުކާރުން ހަވިއްތާގައި ހުރީކޯއްޗެއްތޯ ބެއްލުވުމަށް ވަފުދެއްފޮނުއްވިއެވެ. މިވަފުދުގެ ވެރިޔަކަށް ހުންނެވީ އަލްފާޟިލު މުޙައްމަދު ނަސީރު މަނިކެވެ. ރަށުގެ ބައެއްމީހުންގެ އެހީތެރިކަން ހޯއްދަވައިގެން ކާބަފައިން ފަސްލާ ފޮރުވާފައިވާ ހަވިއްތައިގެ ބޭރުގައިވާ ފަސްގަނޑު ނަގާސާފުކުރިއެވެ. ކާބަފައިންގެ މަސައްކަތްތެރިކަމާއި އެބައިމީހުންގެ އިޙުސާސްތައް މިބިނާތައް މެދުވެރިކޮށް އަންނަންއޮތް ޖީލަށް ގެނެސްދިނުމަށްޓަކައި ފަސްލާފޮރުވާ، ރައްކާތެރިކަމާއިއެކު ރައްދުކޮދިންން މިބިނާގެ ނިމުން އައީ މިހިސާބުން ކަމުގައި ދެންނެވިދާނެއެވެ.

އެބޭފުޅުންގެ ދިރާސާތަކުން އެނގުނުގޮތުގައި ހަވިއްތައިގެ އޮނިގަނޑުގެ މިންތަކަކީ، ފުޅާމިން 69.8 ފޫޓް، އުސްމިނުގައި 24.8 ފޫޓް އަދި އެންމެ މަތީބައިގެ އުސްމިނުގައި 31 ފޫޓް އެވެ. އެދަތުރުގައި ކޮނެގެން ނަގާފައިވަނީ ވެލިގަލުން ހަދާފައިވާ 4 ވައްގަޑު ހުރިފޮށްޓެކެވެ. ފޮށީގެ އެއްވައްގަޑުގައިހުރީ ގަލުންހަދާފައިވާ ކުރަޑި އެކެވެ. އޭގެ ތެރޭގައި ހުރީ މާވަހަރާއި، ރަނުގެ ހައިކަލް ތަކަކާއި ރަނުގެ އެތިކޮޅުތަކެކެވެ. އަނެއް ވައްގަޑގައިހުރީ 2 ދުންކިބާ އާއި ނާށިއަގުރު ތަކެކެވެ. މިތަކެތިވަނީ މާލެގެންގޮސްފައެވެ. ނަމަވެސް މިތަކެތި ގައުމީ ދާރުލް އާސާރުގެ ތެރެއިންވެސް މިއަދަކު ފެންނާކަށްނެތެވެ.

2010 ވަނައަހަރު ހަވިއްތަތައް ހިމެނޭ ވޭރުގެ ތެރެއިން ދޫކޮއްފައިވާ ގޯއްޗެއްގެތެރެ ކޮނުމުގެ ތެރޭގައިވެސް ވެލިގަލުގެ ފޮށްޓެއްވަނީ ފެނިފައެވެ. މިފޮށި ވަޅުލާފައިވަނީ ގަބުރެއްގެ ކައިރީގައެވެ. މިފޮށީގެ ތެރެއިން 2850 ބޮލި (ކަވްރީ ޝެލް) އާއި، މީރުވަހެއް އެކުލެވޭ މުލުގެ ބާވަތަކާއި، މަޑު ދަނބުކުލައިގެ ކަރުދާސްކޮޅުތަކަކާއި ބިއްލޫރިކޮޅުތަކަކާއި، ގޯލްޑްލީފް ގެ އެތިކޮޅުތަކެއްގެ އިތުރުން ދެބުދާއި 2 ބޮލި ވަނީ ފެނިފައެވެ. އަދި މިނޫނަސް މިސަރަޙައްދުގެ ތެރެއިން އެކިފަހަރުމަތިން ޢާންމުން އެކި ބޭނުންތަކުގައި ކޮނެފައިވާ ސަރަޙައްދު ތަކުން ބޮލިފަދަ ތަކެތިވަނީ ފެނިފައެވެ.


ފުވައްމުލައް

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv