ހުކުރު މިސްކިތް

24 އޯގަސްޓް 2019

ފުވައްމުލަކު ހުކުރުމިސްކިތަކީ އައްޑޫ މީދޫ މުޙައްމަދު ބޮޑުފަޑިޔާރު ތަކުރުފާނުގެ އަލްޙާއްޖު ޢަލިތުއްކަލާ މާފަތް ކިލެގެ ދަރިކަލުން ނުވަތަ އިބުނު އަލްޙާއްޖަ ޢަލިތުއްކަލާ ސިރީ ކުލަރަންމަނި މަހާރަދުން (ދެއްވަދޫ ރަސްގެފާނު) 1701-1692 އާއި ދެމެދު ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތަކީ ކާބަފައިންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ގިނަކަންތައްތަކެއް އެކުލެވިގެވާ މިސްކިތެކެވެ.

މީލާދީ ސަނަތުން 1938 ގައި ފުވައްމުލަކު އޭރުގެ ވާރުވެރިޔާ، ވާރޮގޭ ޙަސަންދީދީ ގެ ވާރުވެރިކަމުގެ ދުވަސްވަރުގައި، ހުކުރުމިސްކިތުގައި ފަންގިފިލާ އަޅުއްވާ 2 ބުރިއަށް ބަދަލުކުރެއްވިއެވެ. އެބަދަލުގެ ސަބަބުން މިސްކިތުގެ ސިފަޔާއި ބައްޓަމަށް ބަދަލުތަކަކާއި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެފަހުން އެކިއެކި ބަދަލުތައް ގެނެސް، މަޑުމަޑުން މިސްކިތުގެ އަސްލު ގެއްލެމުންގޮސް 2010 ވަނައަހަރު ގެނެވުނު ބޮޑުބަދަލާއިއެކު މިސްކިތުގެ އަސްލު އެއްކޮށް ގެއްލިގެން ދިޔައީއެވެ.

މިހާރުވެސް އެމިސްކިތުގެ 2 ބިސްތާނަ އެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި، ހުރަވީ ދަރިކޮޅަށް ނިސްބަތްވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒަތްދީން އާއި، ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބެއިފުޅުންނާއި ބޭކަބަލުންގެ އިތުރުން ކަޅުތުއްކަލާ ނުވަތަ އިބްރާހިމް ރަސްގެފާނުގެ ދަރިކަނބަލުން ކަނބާ ޢައިޝާގެ ރަނިކަމުގައި އަރުވާލެއްވި އެދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ އިސްކަންދަރު ޝުޖާއީގެ މަހާނަވެސްވަނީ މިމިސްކިތުގެ ބިސްތާނައެއްގެ ތެރޭގައެވެ. މިމަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތަކަކީ ކާބަފައިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ އަގުހުރި ތާރީޚީ މާއްދީ ތަރިކަތަކެކެވެ.

ފުވައްމުލައް

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv