ގެންމިސްކިތް

24 އޯގަސްޓް 2019

ގެންމިސްކިތަކީ ފުވައްމުލަކުގައި ހުރި އެންމެ ޤަދީމީ މިސްކިތެވެ. ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުން މިމިސްކިތަކީ ދިވެހިރާއްޖޭގައިހުރި ވެލިގަލުގެ އެންމެޒަމާންވީ މިސްކިތެވެ. މިމިސްކިތް ބިނާކުރެވުނު ތާރީޚަކީ މީލާދީ ސަނަތުން 1398 ވަނައަހަރު ކަމަށް ބައެއް ލިޔުންތަކުގައި ލިޔެވިފައިވެއެވެ. ގެންމިސްކިތް ހުރި ސަރަޙައްދަކީ ފުވައްމުލަކުގައި އެންމެފުރަތަމަ މީހުންދިރިއުޅުނު ސަރަޙައްދު ކަމަށް ބެލެވޭ "ވޭރެގަން" ކިޔުނު ސަރަޙައްދެވެ. މިއީ ވަރުގަދަ ޙަޟާރަތެއްދެމިގެންދިޔަ ސަރަޙައްދެކެވެ. މިސަރަޙައްދުން ފެންނަންހުރި ޤަދީމީ ބިނާތަކަށް ބަލާއިރު މިފަދަ ބިނާތަކެއް ރަށުގެ އެހެން ސަރަޙައްދަކުން ފެންނަންނެތުމާއިއެކު، މިސަރަޙައްދަކީ އެއްމެ ފުރަތަމަ މީހުން އުޅުނު ސަރަޙައްދުކަން ކަށަވަރުކޮށްދެއެވެ. ބުޑިޒަމްއާއި ހިންދޫދީނުގެ އަޅުކަމުގެ މައިކިއްލާ ކަމުގައިވާ ހަވިއްތަ ކައިރީގައިވާ މިމިސްކިތަކީ އަޅުގަޑުމެންގެ ކާބަފައިން އިސްލާމްދީން ގަބޫލުކުރުމަށްފަހު ފުރަތަމަ ބިނާކުރި މިސްކިތަށް ވުމުގެ ފުރުސަތު ވަރަށްވެސްބޮޑެވެ. އަދި ރަށުގެ އެކިހިސާބުން ފެނިފައިވާ މިސްކިތްތަކަކީ މާފަހުގެތާރީޙެއްގައި ބިނާކުރެވުނު މިސްކިތްތަކެއްކަން އެގެއެވެ. މިމިސްކިތް މިހާރުވެސްދަނީ ބޭނުންކުރަމުންނެވެ. ލިވިން ހެރިޓޭޖެއްގެ ގޮތުގައި މިބިނާ ދެމެހެއްޓުމަކީ މިބިނާ ވީރާނަވެގެން ދިޔަނުދިނުމަށްޓަކައި ވަރަށް މުހިންމުކަމެއްކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ.

ގެންމިސްކިތް ހުރީ ޤިބުލަޔަކަށް ނޫނެވެ. ރާއްޖޭގެ ގިނަ ގަދީމީ މިސްކިތަތަކުގެ ޤިބުލަ އަސްލު ޤިބުލަޔަށްވުރެ 12 ނުވަތަ 12.5 ޑިގްރީގެ ތަފާތެއް ހުންނަކަން ފާހަގަކުރެވެއެވެ. މިތަފާތު މިމިސްކިތުގައިވެސް އެބަހުއްޓެވެ. މި މިސްކިތުް ބިނާކުރެވުނު ތާރީޚަކީ 1398 ވަނަ އަހަރަށްވުރެ ކުރީގެ ތާރީޚެއްކަމުގައި ބެލެވޭ ސަބަބުތަކެއް އެބަހުއްޓެވެ. ދިވެހިރާއްޖޭ ރަސްމީކޮށް އިސްލާމްދީން ޤަބޫލުކުރިކަމަށް ލިޔެވިފައިވަނީ ޙިޖްރީ ސަނަތުން 2 ރަބީޢުލް އާޚިރު 548 (26 ޖޫން 1153މ.) ވީ ހުކުރުދުވަހު، އޭރުގެ ރަސްގެފާނު އިސްލާމްދީން ގަބޫލުކުރެއްވި ހިސާބުންނެވެ. ނަމަވެސް ޔޫސުފު ނާއިބް އަލްހަދްރާމީ (1004-1168މ.) އާއި، އެބޭއިފުޅާގެ ބައްޕާފުޅު ޢީސާ ޤާދިރު އަލްޙަދްރާމީ އަދި ކާފާފުޅު މުޙައްމަދު ޤާދިރު އަލްޙަދްރާމީ (ސޫރު / އޮމާން) ފަދަބޭފުޅުންނަކީ ފުވައްމުލަކާއި އައްޑޫގެ ބެއިކަނބަލުންނާއި ކައިވެނި ބައްލަވައިގެން އެބޭފުޅުންގެ ޢާއިލާއާއި އެކު މިދެ ސިޓީގައި ރާއްޖެ އިސްލާމްދީން ގަބޫލުކުރުމުގެ ކުރިން ދިރިއުޅުއްވި ބޭފުޅުންނެވެ. އަދި ފުވައްމުލަކު މީހުންނަށް އިސްލާމްދީނަށް ގޮވައިލައްވާ އެކަން ފުރިހަމަކުރެއްވީ ވެސް މިޢާއިލާގެ 2 ބޭފުޅުންކަމުގައިވާ، އަބޫބަކުރު ނާއިބުކަލޭގެފާނާއި އަބުދު ނާއިބު ކަލޭގެފާނެވެ. މީގެތެރެއިން އަބޫބަކުރު ނާއިބުކަލޭގެފާނު ފަސްދާނުލެވިފައިވަނީވެސް ގެންމިސްކިތު ޒިޔާރަތުގައެވެ. ދިރާސާކުރައްވާ ބައެއްފަރާތްތަކުން ގަބޫލުކުރައްވާ ގޮތުގައި 1153މ. ގައި ރާއްޖެ އިސްލާމްވުމުގެ 50 ނުވަތަ 60 އަހަރުކުރިން ފުވައްމުލަކާއި އައްޑޫސިޓީގެ ރައްޔިތުން އިސްލާމް ދީން ޤަބޫލުކޮށްފިއެވެ.

ގެންމިސްކިތަކީ ކުރީޒަމާނުގައި ޢީދުނަމާދާއި ހުކުރުނަމާދު ކުރި މިސްކިތެވެ. ރަށުތެރޭގެ މިސްކިތްތަކަށް ޢީދުނަމާދާއި ހުކުރުނަމާދު ކުރުން ބަދަލުވީ އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު (1760- 1828މ.) އަވަހާރަވުމަށްފަހުގައެވެ.

ގެންމިސްކިތު ވެޔޮ

ގެންމިސްކިތާއި އިންވެގެން އޮތް ގެންމިސްކިތު ވެވަކީމެސް ފުވައްމުލަކުގެ ޤަދީމީ ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. މި ވެޔޮ ހަދާފައި ހުންނަނީ މަތިން ފެށިގެން ވެލިގާ ނުވަތަ އާނު ކަނޑައިގެންނެވެ.

ގެންމިސްކިތު ޒިޔާރަތް

ގެންމިސްކިތު ޒިޔާރަތަކީ އިހުޒަމާނުގައި ނަދުރުބުނެ އުޅުނު ޒިޔާރަތުގެ ތެރެއިން ޒިޔާރަތެކެވެ. މިޒިޔާރަތް ބިނާކުރެވިފައިވަނީ ވެލުގަލުން ނުވަތަ އާނުކަނޑައިގެންނެވެ. މިޒިޔާރަތުގެ ތެރޭގައި 2 މަހާނަ އެބަހުއްޓެވެ. ޒިޔާރަތުގެ އެތެރެއިން ވައަތްފަރާތުގައިވާ މަހާނާގައި ފަސްދާނު ލެވިފައިވަނީ ފުވައްމުލަކު މީހުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގެ މަތިވެރި މަސައްކަތް ކުރެއްވި އަލްޙާފިޒު އަބޫބަކުރު ނާއިބު ކަލޭގެފާނު ކަމުގައި ކާބަފައިންގެ ޒަމާނުއްސުރެ އަންނަނީ ބުނަމުންނެވެ. ޒިޔާރަތުގައިވާ އަބޫބަކުރު ނާއިބު ކަލޭގެފާނުގެ ބައްޕާފުޅު ނިސްބަތްވެ ވަޑައިގަންނަވަނީ ފުވައްމުލަކަށް ކަމުގައިވެއެވެ. އަބޫބަކުރު ނާއިބުކަލޭގެފާނުގެ މަހާނަފުޅު ކަމުގައި ބުނެވޭ މަހާނައާއި ދިމާލުން ޒިޔާރަތުގެ ބޭރުގައި ހިރިގަލެއް ވަޅުލާފައި ވެއެވެ. މިއީ އެދުވަސްވަރު ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން ވަކިކުރުމަށްޓަކައި ކޮށްއުޅުން ކަމެކެވެ.

ފުވައްމުލައް

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv