ފުވައްމުލައް ސިޓީގެ އިރުން 10 މޭލު ބޭރުގައި ކަނދުފައްޗެއް އަޅައިފި

 ފުވައްމުލައް ސިޓީގެ އިރުން 10 މޭލު ބޭރުގައި ކަނދުފައްޗެއް  އަޅައިފި
26 ސެޕްޓެމްބަރ 2022

މަސްވެރިންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ހިންގާ "ކާމިޔާބު އޮއިވާލި ކަނދުފަތި" ޕްރޮގާމްގެ ދަށުން މިއަދު ފުވައްމުލައް ސިޓީގެ އިރުން 10މޭލު ބޭރުގައި ކަނދުފަތި ނަންބަރ Q10D01 އަޅައިފިއެވެ.

ފާއިތުވި ހަފުތާގައި ފުވައްމުލައް ސިޓީ ކައުންސިލްއާއި މިނިސްޓަ އޮފް ފިޝަރީޒް، މެރިން ރިސޯަސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަސަންއާއެކު ބޭއްވުނު ބައްދަލުވުމުގައި، މޭޔަރު އިސްމާއިލް ރަފީޤްވަނީ ފުވައްމުލައް ސަރަހައްދުގައި ކަނޑައިގެންގޮސްފައިވާ އޮއިވާލި ކަނދުފަތިތަކާއި އިތުރަށް ބޭނުންވާ އޮއިވާލި ކަނދުފަތިތަކާއިގުޅޭ މަޢުލޫމާތު ހިއްޞާކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީއިން ދަނީ ކަނޑައިގެންދާ ކަނދުފަތިތައް އަލުން ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ އެ ކަނދުފަތި އޮތް ހިސާބާއި އެންމެ ގާތުގައި ހުންނަ ކައުންސިލް އިދާރާ މެދުވެރިކޮށް އެ މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ.

ކަނދުފަތިތައް ކައިރީގައި ޤަވައިދާ ހިލާފަށް އެއްވެސް ފަރާތަކުން މަސްވެރިކަން ނުކުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. ކަނދުފަތިތަކާ ތިން މޭލު ކައިރިން މިޔަރު ހިފުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމާއި، ދިރޭ އެން ޖަހައިގެން އަޑިއަށް ފެއްތުމާއި ކަނދުފަތީގައި ވައު އައްސައިގެން ތިބުން ފަދަ ކަންކަމަކީ ކުރުން މަނާ ކަންކަމެވެ.

ފޮޓޯ ގެލަރީ