‏"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަ ކުރުން.

‏"ވޯލްޑް ކްލީންއަޕް  ޑޭ" ފާހަގަ ކުރުން.
17 ސެޕްޓެމްބަރ 2022

ވޯލްޑް ކްލީންއަޕް ޑޭ ނުވަތަ ބައިނަލްއަޤްވާމީ ސާފުކުރުމުގެ ދުވަސް ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ގޮނޑުދޮށް ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް ވެސް ބައިވެރިވެ ވަޑައިގެންނެވި މިހަރަކާތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލުތަކުގެ އިތުރުން އާންމު ފަރުދުން ބައިވެރިވެފައިވެއެވެ.

މި ދުވަހަކީ ދުނިޔޭގެ ހުރިހާ ޤައުމަކުން ބައިވެރިވެ އެއްދުވަހެއްގައި ސާފުކުރުމުގެ މަސައްކަތް ކުރުމަށް ބައިނަލްޢަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެގޮތުން، ގޮނޑުދޮށާއި، މޫދާއި، މަގުތަކާއި، މިނޫންވެސް ތަންތަނުގައި ހުރި ކުނިތައް ނަގައި ސާފުކޮށް އެފަދަ ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތްތައް ރާވައިގެން މި ދުވަހުގައި ކުރިއަށް ގެދެވެއެވެ.

މީގެ ހަތަރު އަހަރު ކުރިން، 2018ގައި ފާހަގަކުރަން ފެށި 'ވޯލްޑް ކްލީންއަޕް ޑޭ' ގައި ރާއްޖޭން ބައިވެރިވީ، ޖެހިގެން އައި 2019 ވަނަ އަހަރު އެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްކާތެރި އަމާން ސާފުތާހިރު ވެއްޓެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުތަކާއި، މަދަނީ ޖަމިއްޔާ ޖަމާޢަތްތަކާއި އާއްމު ފަރުދުންގެ ބައިވެރިވުން އިތުރުކޮށް، ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތާލުމަށް ބާރުއެޅުމެވެ.

މި އަހަރުގެ ދުވަހާއިގުޅޭ ޚާއްޞަ އިވެންޓް ރާއްޖޭގައި އޮންނާނީ ކ. ހިންމަފުށީގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2 ޖަހާއިރު އެވެ. "ވޯލްޑް ކްލީންއަޕް ޑޭ" ނުވަތަ ބައިނަލްއަޤްވާމީ ސާފުކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ހޮނިހިރު ދުވަހުއެވެ. މިއަހަރު މިދުވަސް ދިމާވަނީ މިމަހުގެ 17ވަނަ ދުވަހަށެވެ.

ފޮޓޯ ގެލަރީ