ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކޮށްފި

ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކޮށްފި
3 އޮކްޓޯބަރ 2022

މިއަދު ފާހަގަކުރާ ރާއްޖޭގެ ފުރަތަމަ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ފަތުރުވެރިކަމަށް 50އަހަރު ފުރުމުގެ އިހުތިފާލު ފުވައްމުލައް ސިޓީގައި ފާހަގަކޮށްފިއެވެ.

މި އަހަރު ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ ކުދިބޮޑު ގިނަބަޔަކު ބައިވެރިވެ ކަނޑު އުޅަނދު ބުރެއްވަނީ ބާއްވާފައެވެ. އަދި 50 އަހަރު ފުރޭ ރަންޔޫބީލް ރަމްޒުކޮށްދޭ "ބޮޑު50" ނަމުގައި ބައިވެރިންނާއެކު ޚާއްޞަ ފޮޓޯއެއް ނެގުން ބަނދަރު ސަރަހައްދުގައި އޮތެވެ. މިދުވަހާ ގުޅިގެން ބައެއް ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައިދިން ސްޓޭޖް އައިޓަމްތަކާއިއެކު މި ޚާއްޞަ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ފުވައްމުލައް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމުގެ މުހިއްމުކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވައި، ފުވައްމުލައް މަޝްހޫރުވެފައިވަނީ ކަނޑުއަޑީގެ ރީތިކަމާއި މުއްސަނދި ސަގާފަތަކާއި ތާރީޚެއް ލިބި އޮތް މަންޒިލެއްގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ތަފާތު ބާވަތް ބާވަތްތަކުގެ މިޔަރު އެއްތަނަކުން ބަލާލުމުގެ ރީތިކަން ލިބިފައި މިވާ އަގުބޮޑު ޚަޒާނާ ރައްކާތެރި ކޮށްދިނުމަށް އެދި ވަޑައިގެންނެވިއެވެ. އަދި ވަކިން ޚާއްޞަކޮށް ފުވައްމުލައް އިސްތިހާރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަށް ޒީނަތްތެރިކޮށް، ފާރުތަކުގައި ފަތުރުވެރިން ޝައުގުވެރިކުރުވާ ކުރެހުންތައް ކުރަހައި ފުވައްމުލައް އިތުރަށް އިސްތިހާރު ކުރުމަށް ވެބްސައިޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ އިހުތިފާލު ފާހަގަކުރާއިރު ފުވައްމުލައް އަދި މިއޮތީ ފަތުރުވެރިކަމުގެ ވަރަށް ޅަފަތުގައިކަން ފާހަގަ ކުރައްވައި އެންމެން ގުޅިގެން ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ފުވައްމުލައް އިސްތިހާރު ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

އަދި މިއަދުގެ ހަރަކާތްތައް މިހާ ކާމިޔާބުކަންމަތީ ކުރިއަށް ގެންދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

މިއަދުގެ މިހަފްލާ ޝަރަފުވެރިކޮށްދެއްވަމުން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ގެސްޓްހައުސް ވިޔާފާރީގައި އުޅުއްވާ މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) ވާހަކަ ދެއްކެވިއެވެ. އެ ބޭފުޅާގެ ވާހަކައިގައި ފުވައްމުލައް ފަތުރުވެރިކަމަށް ހުޅުވިގެން ދިޔައީ އާންމުންގެ ތެރެއިން ގިނަބައެއް ކުރިމަސައްކަތުންކަން ފާހަގަ ކުރެއްވިއެވެ. އަދި ފަތުރުވެރިކަމަކީ ހަމައެކަނި ދޮންވެލި ތުނޑިޔާއި މޫދުނުންކަން ހާމަކުރައްވަމަުން ކަނޑުއަޑީގެ ރީތިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަކީވެސް ފަތުރުވެރިކަމުގެ މާނައިގައި ގުޅިގެން ދާންކަންކަން ކަމުގައި ފާހަގަ ކުރެއްވިއެވެ. މުހައްމަދު އިބްރާހިމް (މޮޑި)އަކީ ފުވައްމުލައް ސިޓީގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

މި އިހުތިފާލު ފައްޓަވައި ދެއްވަމުން ސޯޝަލް ސަރވިސަސްގެ ކައުންސިލް އެގްޒެކްޓިވް އަލީ މަސީހް ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާސްހިސާބުތައް ހިއްޞާކޮށްދެއްވިއެވެ.

މި އުޅަނދުބުރުގައި ކައުންސިލަރުންނާއި މުވައްޒަފުންގެ އިތުރުން ޏ.އަތޮޅު ތައުލީމީ މަރުކަޒު، އެމް.ޖޭ.އެސް، ހާފިޒް އަހުމަދު ސްކޫލް، ފުވައްމުލައް ސްކޫލް، ފުވައްމުލައް ހޮސްޕިޓަލް، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓް، ފުވައްމުލައް ޕޮލިސް ސްޓޭޝަން، ފުވައްމުލައް އެއަރޕޯޓް، ފުވައްމުލައް ޑައިވް ސްކޫލް، އެމް.ޓީ.ސީ.ސީ، ވެމްކޯ އަދި ދިރާގުން ބައިވެރިވިއެވެ.

މި އަދަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނު ދުވަހެވެ. މި ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ކަނޑައަޅުއްވައިފައެވެ.

އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހަކީ، ރާއްޖޭގައި ފުރަތަމަ ރިސޯޓެއްގޮތުގައި ކުރުނބާ މޯލްޑިވްސް ހުޅުވުނު ދުވަހެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އޮކްޓޫބަރު 3ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށްވަނީ ނިންމަވާފައެވެ.

ފޮޓޯ ގެލަރީ