ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއު ޑީ ސީ) އިން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން އެ ސިޓީގައި ކުރިއަށް ގެންދަމުން އަންނަ 'ރަށި ބާޒާރޮ 2023' އަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެ ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވާ ރޭތަކަށް އެއް ރޭ އިތުރު ކުރުމަށް ނިންމައިފިއެވެ.
ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުކަޒުގައި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ބާއްވަމުން އަންނަ ބާޒާރު ނިންމުމަށް ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 8 ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް ބާޒާރަށް ޒިޔާރަތްކުރާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ބާޒާރަށް ލިބެމުން އަންނާތީ އާއި ބާޒާރުގައި ބައިވެރިވާ ވިޔަފާރިވެރިންގެ އެދުމުގެ މަތިން މިހާރު ބާޒާރު ނިންމާލުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ރެއެވެ.
މި ބާޒާރުގައި ފުވައްމުލަކުގައި ހިންގޭ 51 ވިޔަފާރިއަކުން ބައިވެރިވެފައިވާއިރު އެ ވިޔަފާރިތައް ވަނީ 3 ކެޓަގަރީ އަކަށް ބަހާލެވިފައެވެ. އެގޮތުން ރަޖިސްޓްރީކޮށްގެން ހިންގޭ 28 ވިޔަފާރިއެއް ބައިވެރިވާއިރު އޮންލައިން ވިޔަފާރިކުރާ 12 ފަރާތެއްގެ އިތުރުން އޮންލައިން ވިޔަފާރިކުރާ 11 ފަރާތަކާއި ގޭގައި ތައްޔާރުކުރާ އުފެއްދުންތައް ވިއްކާ 12 ފަރާތަކުން ވަނީ މި ބާޒާރުގައި ބައިވެރިވެފައެވެ.
މިބާޒާރުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ ރެއަކުވެސް އަންނަނީ ބާޒާރަތް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުތަކެއް ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަންނަނީ އެކި ކަހަލަ ހަދިޔާތައް ދެމުންނެވެ. މީގެ އިތުރުން މިއަހަރުގެ ބާޒާރު ނިންމާލުމުގެ ގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ވަނީ ބާޒާރަށް ޒިޔާރަތްކުރި ހުރިހާ ފަރާތްތަކުގެ މެދުގައި ގުރުއަތު ތަކެއް ނަގާ އަގުބޮޑު އިނާމުތަކެއް ދިނުމަށް ނިންމާފައެވެ.
މި އިނާމުތަކުގެ އިތުރުން ބާޒާރުގައި ބައިވެރިވާ އެކި ވިޔަފާރިތަކުން ވަނީ އެތަން ތަނުން ވިޔަފާރިކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގާ ހޮވޭ ފަރާތްތަކަށް އެކި ކަހަލަ އިނާމު ދޭން ނިންމައިފައެވެ. އެގޮތުން ދެވޭ ބައެއް އިނާމުތަކުގެ ތެރޭގައި މާލެ ފުވައްމުލައް ދެކޮޅު ޓިކެޓާއި، ގިފްޓް ހެމްޕަރސް ތަކުގެ އިތުރުން ފާރޫގް ހެލްތް ކެއަރ އިން ފިޒިއޯތެރަޕީ އަދި ދަތް ސާފުކޮށް ޕޮލިޝްކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން ގޭތެރެ ޒީނަތް ކުރުމަށް ބޭނުންކުރެވޭ ސާމާނާއި، ބަދިގޭ ސާމާނުގެ އިތުރުން އަންނައުނުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ބާޒާރުގައި ބަދިގޭ ސާމާނާއި، ގޭތެރެ ޒީނަތް ކުރުމަށް ބޭނުން ކުރެވޭނެ ތަކެތީގެ އިތުރުން އަންނައުނާއި ގަހަނާ އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ ތަކެތި ލިބޭނެ ފަދަ ސްޓޯލްތައް ހުންނާނެއެވެ. އަދި ހާޑްވެއަރ ސާމާނާއި ކައްކާ ކެއުން ބުއިމަށް ބޭނުންކުރެވޭނެ ފަދަ ތަކެތިވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ތައްޔާރުކުރެވިފައިވާ އެކި ކަހަލަ ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި ކެންޓީނުގެ ހިދުމަތްވެސް ބާޒާރުން ލިބެން ހުންނާނެއެވެ.
މިއަހަރުގެ ބާޒާރުގެ މައިގަނޑު އަމާޒަކީ ހެޔޮ އަގުގައި، ތަފާތު މުދާތައް އެއްތަނަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ. ބާޒާރު ކުރިއަށްދާނީ މާދަމާ ރެއާއި ހަމައަށް ރޭގަނޑު 20:00 އިން 23:00 އަށެވެ.