ފުވައްމުލައް ސިޓީގައި ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ފުވައްމުލައް ސިޓީގައި ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
27 ސެޕްޓެމްބަރ 2022

1444 ވަނައަހަރުގެ ޤައުމީދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 6:00 ގައި ބާއްވައިފިއެވެ. މިއަދު ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤްއެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބޭއްވުނު މިރަސްމިއްޔާތުގައި ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުންނާއި، މުވައްޒަފުންގެ އިތުރުން، ސްކޫލުތަކާއި، ސަރުކާރު ހިއްޞާވާބައެއް ކުންފުނިތަކުގެ އިސްވެރިންނާއި، ފުލުހުންގެ މުއައްސަސާއިން ބައިވެރިވެލެއްވިއެވެ.

މި އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ހއ. އުތީމު ގަނޑުވަރު މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޤައުމީ ދުވަހާއި ގުޅިގެން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. ރަަށްރަށުގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ. މުޙައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރައްވަން ފެށްޓެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 1 ރަބީޢުލްއައްވަލް 1365 ގައެވެ. މި އަހަރު މި ފާހަގަކުރެވެނީ 79 އަހަރު ފުރޭ 80ވަނަ ޤައުމީ ދުވަހެވެ.

ފޮޓޯ ގެލަރީ