ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި
19 ސެޕްޓެމްބަރ 2022

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އޮފިސް ހުޅުވައިދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް ވިދާޅުވީ ހުޅުވިގެން މިދިޔަ ޕީޖީ އޮފީހުގެ ފުވައްމުލައް ސިޓީގެ ގޮތްޕަކީ މި ސިޓީ އަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށާއި އެތަނުން ރައްޔިތުންނަށް ނުހަނު ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ ހިދުމަތްތައް އަތޮޅު ތެރެއިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި މީގެ ސަބަބުން އިންސާފު ހޯދަން ކުރަން ޖެހޭ މަސައްކަތްތަކަށްވެސް ލުއިތަކެއް ލިބެގެން ދާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވިފައިވާ އިސްލާހުތަކާއިއެކު ޝަރީއަތްތައް ހިންގުމުގައި، އަތޮޅު ތަކާއި ސިޓީތަކުގައި ތިއްބަވާ ޕީޖީ އޮފީހުގެ ވަކީލުންނަށްވެސް މައްސަލަތަކުގައި ބައިވެރިވުމުގެ މަގު ފަހިވެގެން ދާނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފުވައްމުލައް ސިޓީގެ ގޮފި ހުޅުވުމުގެ ރަސްމިއްޔާތުގައި އަލްއުސްތާޛް ޙުސައިން ޝަމީމުގެ އަރިހުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢިލް ރަފީޤުގެ އިތުރުން ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އާއި ބައެއް ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ސެކެޓްރީ ޖެނެރަލް އާއި ކައުންސިލްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ފޮޓޯ ގެލަރީ