ފުވައްމުލައް ސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުނު ބާއްވައިފި

ފުވައްމުލައް ސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުނު ބާއްވައިފި
26 ފެބްރުއަރީ 2023

2022 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލުން ހިންގައިފައިވާ ހަރަކާތްތަކާއި، މާލީ ރިޕޯޓް އަދި 2021 ވަނަ އަހަރު ކައުންސިލުގެ އޯޑިޓް ރިޕޯޓު ހިއްސާކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ރޭ ބާއްވައިފިއެވެ.

އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވުނު މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ހިންގުނު އެކި ހަރަކާތްތަކާއި މި ސިޓީގެ ތަރައްގީއަށް 2022 ވަނަ އަހަރު ކުރެވިގެން ދިޔަ މަސައްކަތްތައް ވަނީ ރައްޔިތުންނާއި ހިއްސާކުރެވިފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ސްކޫލް ދަރިވަރުންނަށާއި އާންމުންނަށް ހިންގުނު އެކި އެކި ތަމްރީނު ޕްރޮގްރާމްތަކާއި، ހަރަކާތްތަކުގެ އިތުރުން މުބާރާތްތަކުގެ މައުލޫމާތުވެސް ވަނީ މި ބައްދަލުވުމުގައި ހިއްސާކުރެވިފައެވެ.

މިބައްދަލުގައި، 2022 ވަނަ އަހަރު ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހިންގުނު ހަރަކާތްތަކުގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންގެ ކުރިއެރުމަށް ބޭއްވިފައިވާ ތަމްރީނުތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކުރެވިފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ ކުރުނދުމާ މާލަމުގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި 2022 ވަނަ އަހަރުގެ މާލީ ބަޔާންވެސް ވަނީ ހުށައަޅައިފައެވެ. މީގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންގެ ޙިޔާލުތައް ހުށައެޅުމާއި ސުވާލުކުރުމުގެ ފުރުސަތުވެސް ވަނީ މިބައްދަލުވުމުގައި ދެވިފައެވެ.

މި ބައްދަލުވުމުގައި މި ސިޓީގެ މޭޔަރ އިސްމާއިލް ރަފީގްގެ އިތުރުން ކައުންސިލުގެ އިސްވެރިންނާއި ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ފޮޓޯ ގެލަރީ