ކޮވިޑް-19 ޖެހިފައިވާ މީހަކު މަރުވެއްޖެނަމަ ކަށުކަމާކެމީގެ ކަންތައް ކުރާނެ ގޮތާއި ގުޅޭގޮތުން ޖަމާއަތްތެރިންނަށް މިއަދު މައުލޫމާތު ދީފި

14 މެއި 2020

ފުވައްމުލައް ސިޓީ ކައުންސިލް އަދި ފުވައްމުލައް ހޮސްޕިޓަލް ގުޅިގެން ކޮވިޑް-19 ޖެހިފައިވާ ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހަކު މަރުވެއްޖެނަމަ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާއި އަމިއްލަ ރައްކާތެރިކަމަށް ބޭނުންކުރާ އާލާތްތައް ބޭނުން ކުރާނެ ގޮތާއި ބެހޭގޮތުން މިއަދު ޖަމާޢަތްތެރިންނަށް މައުލޫމާތު ދީފިއެވެ.

މި ހަރަކާތް ހިންގުމުގެ މައިގަނޑު ބޭނުމަކީ، އެޗްޕީއޭއިން މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައިވާ ގޮތުން ކޮވިޑް-19 ފެތުރިފައިވާ ހާލަތެއްގައި ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނީ އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުން ކަމަށްވާތީއެވެ. އެގޮތުން ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދާނީ ވީހާވެސް މަދު މީހުން ބޭނުންކޮށްގެންނެވެ. އަދި މި ފަރާތްތަކުން ތިބެންވާނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހެދުން (ޕީޕީއީ) އަޅައިގެންނެވެ.

މީގެ އިތުރުން، މައްޔިތާގެ އާއިލާގެ ފަރާތުން މަންމަ، ބައްފަ، ދަރިން، އަނބިމީހާ، ފިރިމީހާ، ފިޔަވައި އިތުރު ބަޔަކަށް މޫނު ދެއްކުމެއްވެސް ނޯންނާނެއެވެ. މައްޔިތާ ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރުމަށްފަހު ބޮޑީބޭގުގެ ބޭރުން މައްޔިތާ ކަފުންކޮށް ސަހަރާގައި ކަށުނަމާދު ކުރުމަށްފަހު ވީހާވެސް އަވަހަށް ވަޅުލާނެއެވެ. ކޮވިޑް-19 ފެތުރިފައިވާ ހާލަތުގައި ކަށުނަމާދު ކުރުމަށް މައްޔިތާ މިސްކިތަށް ވެއްދުމެއް ނޯންނާނެއެވެ. 

ފުވައްމުލައް ސިޓީއިން މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ފައްސިވެފައެއް ނުވެއެވެ. ނަމަވެސް ރައްކާތެރިވެ ތިބުމުގެ ގޮތުން އިޖްތިމާއީ ގައިދުރުކަން އިސްކޮށް ހުރިހާ ބޭފުޅުންވެސް ގެއިން ބޭރަށް ނުގޮސް ތިބުމަކީ މުހިންމު ކަމެކެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv