އާދިއްތަ ދުވަހު ކުރި ގަދަ ވިއްސާރައިގައި ފުވައްމުލަކުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

19 ޖުލައި 2020

ދިވެހި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައިގައި އާދިއްތަ ދުވަހު ފުވައްމުލައް ސިޓީގެ ގިނަ ގެތަކަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

މިއަދު ހެނދުނާ ހަމަޔަށް ޖުމްލަ 38 ގެއަކަށް ފެންވަދެގެން ފުވައްމުލައް ސިޓީ ކައުންސިލަށް ވަނީ ރިޕޯޓްކޮށްފައެވެ. މި ހުރިހާ ގެއެއްގައި ވެލި ބަސްތާ ޖެހުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ.

ފެން ބޮޑުވުން ކުޑަ ކުރުމަށްޓަކައި ރެއިން ފެށިގެން މިހާރުވަނީ މަގުގައި ހަދާފައިވާ ކާނުތައް ހުޅުވާލާފައެވެ. އަދި ކާނުތަކުން ފެން ހިނދެމުންދާ ގޮތް ބެލުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ އެކަންތައް ބަލައި މޮނީޓަރ ކުރަމުންނެވެ. މީގެ އިތުރުން، ސިޓީ ކައުންސިލުގެ 5 ޕަމްޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ ކުޑަ ކުރުމަށްޓަކައި ސިޓީ ކައުންސިލުން މިހާރު ވަނީ ބޮޑު 4 ޕަމްޕު ހޯދައި ޕަމްޕު ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން މިހާރު އަންނަނީ ވިއްސާރައިގެ ސަބަބުން ގޭގެއަށް ލިބުނު ބޮޑެތި ގެއްލުންތައް ބަލައި، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓޓަރަށް ރިޕޯޓުކުރުމަށްޓަކައި ރިޕޯޓެއް ތައްޔާރު ކުރަމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވަރޭވެހިފައި ވަނީ ފުވައްމުލައް ސިޓީއަށެވެ. އެއީ ޖުމްލަ 132 މިލިލީޓާރުގެ ވާރޭއެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަކީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓް ކުރެއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ހޮޓްލައިން 7315001 އަށް ގުޅުއްވުން އެދެމެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv