މިއަންނަ ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހަފްތާ ރެސް" ބާއްވާ ތާރީހު ފަސްވެއްޖެ

25 ނޮވެމްބަރ 2019

ފުވައްމުލައް ސިޓީގައި މިއަންނަ ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހަފްތާ ރެސް" ޑިސެމްބަރ މަހުގެ 13 އަދި 14 ވަނަ ދުވަހަށް ފަސްވެއްޖެއެވެ.

ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މާރކެޓް އާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމް (ހަފްތާ ރެސް) އޮންނަގޮތަށް ހަމަޖެހިފައިވަނީ ފުވައްމުލައް ރަސްމީ ބޯޅަދަނޑުގައެވެ. މި އިވެންޓުގައި ތަފާތު ގިނަ ހަރަކާތްތަކާއި ސްޓޯލުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ސްކޫލް ކުދިންގެ އެކި ކަހަލަ ސްޓޭޖް ހަރަކާތްތަކާއި އެކު ބޭއްވޭ ކުޑަކުދިންގެ ހަވީރަކާއި، ޒުވާނުންނަށް ހާއްސަކޮށް މިއުޒިކް ޝޯ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ސަރުކާރުގެ އެކި މުވައްސަސާތަކުގެ ސްޓޯލްތައްވެސް މި އިވެންޓްގައި ހިމެނޭނެއެވެ.

އާއްމު ރައްޔިތުން އަދި ވިޔަފާރިތަކުން މި އިވެންޓުގައި ސްޓޯލެއް ބައިވެރިކުރަން ބޭނުންވާނަމަ، ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މިހާރު އެފުރުސަތުވެސް ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 8 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ކުރިން އައިޑީ ކާޑު ކޮޕީއަކާއެކު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު، ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ހަފްތާ ރެސް ގެ މައިގަނޑު މަޤްސަދަކީ، އާންމު ފަރުދުންނާއި، ޒުވާނުންނަށާއި، އަންހެނުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވިޔަފާރީގެ މާހައުލަށް ތައާރަފްކޮށް، އެކަމަށް ހިތްވަރު ދިނުމާއެކު ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތައް ބާރުވެރިކުރުވައި ރައްޔިތުންނަށް ބާޒާރުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި އެއްތަނަކުން ތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އަދި މި އިވެންޓުގެ ތެރެއިން، މުޖުތަމައުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، އެކުވެރި، އުފާވެރި މާހައުލެއްގައި ހުރިހާ އުމުރެއްގެ ބޭފުޅުންނަށް މުނިފޫހިފިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަފްތާ ރެސް އަކީ ކޮންމެ ހަފްތާ ބަންދެއްގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މީގެ ކުރިން މި އިވެންޓް މާލެ އަދި ހުޅުމާލޭގައި ވަނީ ބާއްވާފައެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv