މ. ވެސްޓް ސައިޑް، މާލެ ސިޓީ
4 ނޮވެމްބަރ 1976 - 8 ފެބްރުއަރީ 1978
އަލްފާޟިލް ޢަލީ ވަޙީދު ފުވައްމުލަކުގެ އަތޮޅުވެރިކަމާއި ހަވާލުވެވަޑައިގެންނެވީ 3 ނޮވެންބަރު 1977 ގައެވެ. އެ ދުވަސްވަރަކީ ރާއްޖޭގެ ރަށްފުށުގެ ތަރައްޤީއާއި އިދާރީ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައެވެ،
ޢަލީ ވަޙީދުގެ އަތޮޅުވެރިކަމުގެ ދައުރުގައި، އަތޮޅުވެރިއެއްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ގޯތިގެދޮރާއި މަގުމަގުގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށެވެ.ދުވަސްވަރުގެ ނިޒާމު އޮތްގޮތުން، ގިނަ ކަންތައްތައް ނިންމުމާއި ތަންފީޒުކުރުން އޮންނަނީ ރަށު އޮފީސްތަކުގެ މައްޗަށެވެެ. އެހެން ކަމުން، ވެރިއެއްގެ
މަސްއޫލިއްޔަތުތައް މިއަދާ އަޅާބަލާއިރު ނިސްބަތުން މަދު ނަމަވެސް، ރަށުގެ ހިންގުން ވިލަރެސްކުރުމުގައި އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ޢަލީ ވަޙީދުގެ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުސާރަ ދޭނެ ބަޖެޓު ނެތުމުގެ ސަބަބުން މުވައްޒަފުން ވަކިކުރަން ޖެހުނެވެ. އެގޮތުން 12 ނޮވެންބަރު 1976 ގައި ރަށު އޮފީހުގެ ކާތިބުން ވަކިކުރައްވަން ޖެހިވަޑައިގަތެވެ. މިބަދަލާ ގުޅިގެން، ކާތިބުން ކުރަމުންދިޔަ މަސައްކަތްތައް ކުރަން ޖެހުނީ ރަށުގެ ވެރިންނަށެވެ.
މީގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއަރައި، ރަށުގެ ވެރިން އެކަމުގެ ޝަކުވާ ތަކުރާރުކޮށް އަތޮޅުވެރިޔާއަށް ހުށަހަޅަމުން ދިޔައެވެ.
ނަމަވެސް، އެ ދުވަސްވަރުގެ އިޤްތިޞާދީ ޙާލަތު ހުރިގޮތުން ޢަލީ ވަޙީދުގެ ދައުރު ނިމުނުއިރުވެސް މިކަމަށް ދާއިމީ ޙައްލެއް ލިބިފައެއް ނުވެއެވެ.
އިދާރީ ދަތިތަކުގެ ތެރެއިންވެސް، ރަށު އޮފީހުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ޢަލީ ވަޙީދު މަސައްކަތްޕުޅު ކުރެއްވިއެވެ. އެގޮތުން އޮފީހުގެ ޢިމާރާތަށް ބައެއް އިތުރުކޮށް، މަސައްކަތް ކުރާނެ މާޙައުލު ރަނގަޅުކުރުމަށް މަގުފަހިކޮށްދެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ދައުރުގައި ހިނގި ފާހަގަކޮށްލެވޭ ތާރީޚީ ކަމަކީ، ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަޙްމަދު ޒަކީ ފުވައްމުލަކަށް އަރުވާލެއްވުނެވެ. ޢަލީ ވަޙީދު އަތޮޅުވެރިކަމުން ވަކިކުރެއްވީ 8 ފެބުރުވަރީ 1978 ގައެވެ.