މ. އެވަރ ޕިންކް / މާލެ ސިޓީ
11 މާރިޗް 1958 - 1 ޖެނުއަރީ 1959
އަލްފާޟިލް ޙަސަން އާދަމް މަނިކު ފުވައްމުލަކަށް ވަޑައިގެންނެވީ 6 ޖޫން 1958ގައެވެ. އަދި ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ޙަވާލުވެވަޑައިގެންނެވީ 1958 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ.
ސިކުނޑި ޙަސަން މަނިކު" ގެ ނަމުންވެސް މަޝްހޫރުވެފައިވާ ޙަސަން އާދަމް މަނިކަކީ ދިވެހިރާއްޖޭގެ އިދާރީ ހިންގުމުގައި ޚާއްޞަ ހުނަރުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަތޮޅުވެރިކަމުގެ މަގާމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަސްތަކުގައި، ޙަސަން އާދަމް މަނިކު އިސްކަންދެއްވީ އޮފީހަށް އިދާރީ ހަރުދަނާކަން ގެނައުމަށެވެ. އެގޮތުން އޮފީހުގެ ލިޔެކިޔުންތަކުގެ ނިޒާމު ބައްލަވައި، އިދާރީ ހިންގުމުގައި ހުރި އުނިކަންކަން ފާހަގަކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެނައުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވިއެވެ. މިގޮތުން ކުރެއްވި ދިރާސާތަކުން ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ އޮފީހުގެ ދުވަހު ޔައުމިއްޔާއެއް ލިޔެވެމުން ނުދާކަމެވެ. މިކަން އިޞްލާޙުކުރުމަށްޓަކައި 1958 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ޔައުމިއްޔާ ލިޔުމުގެ އުޞޫލު ތަޢާރަފުކުރައްވައި، އެކަމަށް ޚާއްޞަ މުވައްޒަފުން ކަނޑައަޅުއްވައި، އޮފީހުގެ ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ
ޙަސަން އާދަމް މަނިކުގެ ވެރިކަމުގެ ދުވަސްވަރު ފުވައްމުލަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ރަށުގައި ހިނގި އެންމެ ފުރަތަމަ މުޒާހަރާއެވެ. މި ތާރީޚީ ހާދިސާ ހިނގީ 1959 ވަނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައެވެ. މި މުޒާހަރާގެ އަސްލަކީ މާލެގަން އަވަށުގެ ބީވާއެއް (ރަށުގެ ކަންކަން ބަލަހައްޓާ ފަރާތެއް) އެހެން އަވަށެއްގެ މީހަކަށް ޙަވާލުކުރެވުމުން، މާލެގަން އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަތޮޅުގޭ ގޯތިތެރެއަށް އެއްވެ، އެކަމާ ހިތްހަމަނުޖެހި ހަޅޭއްލަވައި، އެ ބީވާކަން އެމީހާގެ ކިބައިން ވަކިކުރުމަށް ގޮވާލުމެވެ.
އަލްފާޟިލް ޙަސަން އާދަމް މަނިކުގެ އަތޮޅުވެރިކަމުގެ ދައުރަކީ ކުރު މުއްދަތެއްގެ ދައުރެކެވެ. އެމަނިކުފާނު ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވަނީ 10 މަހާއި 14 ދުވަހުއެވެ. އެއީ 1958 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.