ހ. އަމަން / މާލެ ސިޓީ
25 ޖެނުއަރީ 1959 - 20 ފެބްރުއަރީ 1960
އަލްފާޟިލް ކުޑަ އަޙްމަދު މަނިކު ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަޤާމަށް އައްޔަން ކުރެއްވުނީ 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމިފައިވަނީ 1960 ވަނަ އަހަރުގެ ފެބުރުވަރީ 20 ގައެވެ.
އަތޮޅުވެރިކަމުގެ މަޤާމަށް ހަމަޖެއްސެވުނު ނަމަވެސް، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމަށް ފުވައްމުލަކަށް ވަޑައިގަތުމުގައި އެމަނިކުފާނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. މިގޮތުން، ފުވައްމުލަކަށް ދަތުރުކުރެއްވުމަށް މާލެއިން ފުރާވަޑައިގެންނެވި އޮޑި ކޮޅުނބަށް ދަތުރުކުރި ހާދިސާއާ ގުޅިގެން، އެނބުރި މާލެ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއެވެ.
އެ ދުވަސްވަރު ދެކުނުގެ ބަޣާވާތް ކަމަށް މަޝްހޫރު "އައްޑޫ ގަޑުބަޑު" ގައި ފުވައްމުލައްވެސް ބައިވެރިވެ، ދިވެހި ދައުލަތާ އިދިކޮޅަށް ހަރަކާތްތައް ހިންގަން ފަށާފައިވުމުން، އަތޮޅަށް ވަޑައިގަތުމަށް އިތުރު ހުރަސްތައް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން، އަތޮޅުވެރިކަމުގެ މުއްދަތުގައި އަލްފާޟިލް ކުޑަ އަޙްމަދު މަނިކަށް އަތޮޅަށް ވަޑައިގެން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފުރުޞަތު ނުލިބި، މަޤާމުން ވަކިވެވަޑައިގެންނެވިއެވެ.