އަލްފާޟިލް ކެންނާރި އިބްރާހިމްދީދީ

ސޯސަންވިލާ, ފުވައްމުލައް

15 ސެޕްޓެމްބަރ 1973 - 12 ފެބްރުއަރީ 1975

ތައާރަފް

އަލްފާޟިލް ކެންނާރި އިބްރާހިމްދީދީ އަކީ ފުވައްމުލަކުގެ ތާރީޚުގައި މަދު ދުވަސްކޮޅަކަށް ނަމަވެސް، ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެބޭފުޅާ ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރެއްވީ 19 ސެޕްޓެމްބަރު 1973 އިން ފެށިގެން 12 ފެބުރުވަރީ 1975 އަށެވެ. ޖުމްލަ 1 އަހަރާއި 4 މަހާއި 27 ދުވަހުގެ މި ދައުރުގައި، އިބްރާހިމްދީދީގެ ވެރިކަމުގެ ދައުރު ކުރު ނަމަވެސް، ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވައި، އަތޮޅުގެ ތަރައްޤީއަށް ޢަމަލީ މަސައްކަތްތަކެއް ކުރެއްވިއެވެ.

އިބްރާހިމްދީދީގެ ވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، އޭނާ ރައްޔިތުން ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވުމެވެ. މިގޮތުން، ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އޭނާގެ ހީވާގިކަން ދައްކުވައިދެއްވުމުގެ ސަބަބުން، އޭނާއަށް ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިއެވެ.


އިބްރާހިމްދީދީގެ ވެރިކަމުގައި ރަށުގެ މުވާސަލާތީ ނިޒާމު ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތެއް ކުރެވުނެވެ. އެއީ ރޭޑިޔޯ ޓެލެފޯނުގެ ޚިދުމަތް ޤާއިމުކުރުމެވެ. މި މަސައްކަތުގެ ތެރެއިން، އެންޓަނާ ހަރުކުރުމަށްޓަކައި ބޭނުންވާނެ މިންވަރަށް ބޮޑު ފުނަގަހެއް ކަނޑައި، އެގަސް އަތޮޅުގޭގެ ފާރުތެރޭގައި ޖަހައިގެން އެންޓަނާ ހަރުކުރެވުނެވެ.


އަތޮޅުވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިބްރާހިމްދީދީ އެންމެ ފުރަތަމަ އިސްކަންދެއްވި އެއް ކަމަކީ އޭރު ރަށުގެ ފުނާޑު އަވަށުގެ ގެއެއްގެ ކޮޓަރި ތެރޭގައި ދެމުން އައި ހެލްތު ސެންޓަރު، އާންމުންނަށް ޚިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތަކަށް އަތޮޅުގޭގެ ކޮޓަރިއަކަށް ބަދަލުކުރެއްވުމެވެ. މި ބަދަލުގެ ސަބަބުން، ރަށުގެ އެއްކޮޅުގައި ހުރި ޚިދުމަތް ރަށުގެ މެދުތެރެއަށް ގެނެސްދެވުނެވެ. ފުވައްމުލަކުގެ ސިއްޚީ މަރުކަޒުގެ އާ އިމާރާތް ނިމެންދެން ހެލްތު ސެންޓަރުގެ ޚިދުމަތްތައް ދެމުން ދިޔައީ އަތޮޅުގޭގެ މި ކޮޓަރިތެރޭގައެވެ.


އިބްރާހިމްދީދީގެ އަތޮޅުވެރިކަމުގައި ދެފަހަރަކު މާލެ ވަޑައިގެންނެވިއެވެ. ފުރަތަމަ ފަހަރު މާލެ ވަޑައިގެންނެވީ 10 ޖަނަވަރީ 1974 ގައެވެ. އަދި އެނބުރި ރަށަށް ވަޑައިގަންނަވައި އޮފީހާއި ހަވާލުވެވަޑައިގެންނެވީ 3 މާރިޗު 1974 ގައެވެ. ދެވަނަ ފަހަރު މާލެއަށް ވަޑައިގެންނެވީ 10 ސެޕްޓެމްބަރު 1974 ގައެވެ. މިދަތުރުފުޅުވެގެން ދިޔައީ ކެންނާރި އިބްރާހިމް ދީދީގެ އަތޮޅުވެރިކަންވެސް ނިމުމަކަށް އައި ދަތުރުފުޅަށެވެ.