ތައާރަފް

  • ލަފާދޭ ބޯޑު ތަކަކީ ފުވައްމުލައް ސިޓީ ކައުންސިލް ހިންގުމާއި ސިޓީގެ ކަންކަމާއި ގުޅޭގޮތުން ހިލޭސާބަހަށް ކައުންސިލަށް ލަފާ ދޭން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލެވޭ ބޯޑުތަކެކެވެ.

ބޯޑުތައް އުފެއްދުން

  • ލަފާދޭ ބޯޑުތައް އުފައްދާ ބޯޑުގައި ހިމެނޭ މެންބަރުންގެ އަދަދާއި އެކުލެވިގެންވާގޮތް ނިންމާނީ ކައުންސިލްގެ ލަފާ އާއި އެކު މޭޔަރ އެވެ.

ޒިންމާތައް

  • ބޯޑުގެ މެންޑޭޓާއި ގުޅޭ ދާއިރާތަކުން ކައުންސިލުން ބޭނުންވާ ކަންކަމުގައި ލަފާދިނުން އަދި ބޯޑަށް ފެންނަ ކަންކަމުގައި އިސްވެ ލަފާ ދިނުން
  • ކައުންސިލްގެ އެދުމަށް ބޯޑުގެ މެންޑޭޓާއި ގުޅުންހުރި މަޝްވަރާ ބައްދަލްވުންތަކުގައި ބައިވެރިވުން

މެމްބަރުން

  • ބޯޑުތަކަށް މެމްބަރުން އައްޔަން ކުރާނީ މެމްބަރުން ހޯދުމަށް އިއުލާން ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލްކަމަށް ކައުންސިލަށް ފެންނަ ފަރާތްތަކެވެ. އެކަން ނިންމާނީ ކައުންސިލްގެ ލަފާއާއި އެކު މޭޔަރ އެވެ.
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްއިއްޔާ ޖަމާއަތްތަކާއި ތަކާއި ކްލަބްތަކަށްވެސް އެފަރާތްތަކުގެ މަގްސަދާއިގުޅޭ ބޯޑުތަކުގެ ބޯޑު މެމްބަރުންގެ ގޮތުގައި ބައިވެރި ވެވިދާނެއެވެ. ބޯޑުގައި އެފަރާތްތައް ތަމްސީލްކުރާނީ އެފަރާތްތަކުން ކަނޑައަޅާ މީހުންނެވެ.
  • ބޯޑެއްގައި ވަކި ދާއިރާއަކަށް ޚާއްސަކޮށް މެމްބަރުކަން ކަނޑައަޅާފައިވާނަމަ އެމެމްބަރަކު ވާނީ އެދާއިރާތަކުން ކަނޑައަޅާފަރާތަކަށެވެ. ނުވަތަ ވޯޓުން ހޮވާ ފަރާތަކަށެވެ.
  • ލަފާދޭބޯޑުގެ މެމްބަރުންގެ މުއްދަތަކީ އެމެމްބަރުން އައްޔަންކުރި ކައުންސިލްގެ މުއްދަތެވެ.
  • ޢެކަކަށް މެމްބަރުކަމުގައި ހުރެވޭނީ ގިނަވެގެން 4 ބޯޑުގައެވެ.
  • ބޯޑު މަސައްކަތުގައި އަމަލީގޮތުން ބައިވެރިނުވާ މެންބަރުން ވަކި ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
  • ބޯޑު މެމްބަރަކު އިސްތިއުފާދޭން ބޭނުންވާނަމަ އެކަން ލިޔުމަކުން މޭޔަރ އަށް އަންގަންވާނެއެވެ. އެގޮތަށް އެންގުމުން އިސްތިއުފާ ދިންކަމުގައި ބެލެވޭނެއެވެ.
  • ބޯޑު މެމްބަރުކަމަކީ އެއްވެސް ކަހަލަ އުޖޫރައެއް ލިބޭ މަގާމެއް ނޫނެވެ.

މުގައްރިރު އަދި ނައިބު މުގައްރިރު

  1. ބޯޑުގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރާނީ ކައުންސިލްގެ ލަފާ އާއި އެކު މޭޔަރ އެވެ.
  2. ބޯޑުގެ ބައްދަލްވުންތައް އިންތިޒާމްކޮށް ރިޔާސަތު ބަލަހައްޓާނީ މުގައްރިރެވެ. މުގައްރިރު ނެތްނަމަ ނައިބު މުގައްރިރެވެ.
  3. މުގައްރިރުގެ ޒިންމާ އަދާކުރުމުގައި ބޭނުންވާ އެހީތެރިކަން ނާއިބު މުގައްރިރު ފޯރުކޮށްދޭން ވާނެއެވެ.

ބައްދަލުވުންތައް

  • ލަފާދޭ ބޯޑުތަކުން ރަސްމީ ލަފާއެއް ދޭނަމަ އެކަން ނިންމާނީ ބޯޑު މެމްބަރުން ބައްދަލްކޮށް މަޝްވަރާކޮށްފައެވެ. މިބައްދަލްވުންތައް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންވެސް ބޭއްވިދާނެއެވެ.
  • ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ މުގައްރިރު އެވެ. މުގައްރިރު ނެތްނަމަ ނައިބު މުގައްރިރެވެ.
  • ބައްދަލްވުންތަކުގެ ކޯރަމްއަކީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ.
  • ބޯޑުގެ މުގައްރިރު ބޭނުންވެއްޖެ ހާލަތެއްގައި ބައްދަލްވުންތައް ބޭއްވިދާނެއެވެ. މަދުވެގެން ތިން މެމްބަރަކު ބޭނުންވެއްޖެނަމަވެސް މަޝްވަރާ ބައްދަލްވުންތައް ބާއްވަން ވާނެއެވެ.

ވޯޓު

  • ބައްދަލްވުންތަކުގައި ކަންކަން ނިންމާނީ ވޯޓުންނެވެ.
  • ވޯޓޫ ދޭނީ އަތް އުފުލައިގެންނެވެ.
  • ރިޔާސަތައްވެސް ވޯޓުގައި ބައިވެރި ވެވޭނެއެވެ.
  • ކަމެއް ފާސްވާނީ ހާޒިރުވެތިބި މެމްބަރުންގެ ތެރެއިން ގިނަބަޔަކު ވޯޓުދޭ ގޮތަކަށެވެ.

އެހެނިހެން

  • ބޯޑުންދޭ ރަސްމީ ލަފާ ލިޔުމުން ދެވިދާނެއެވެ. ނުވަތަ ބައްދަލްވުމެއްގައި އަނގަބަހުންވެސް ދެވިދާނެއެވެ.
  • ބޯޑުތަކުން ލިބޭ ލަފާތަކަކީ ކައުންސިލުން ކަންކަން ކުރުމުގައި އެއަށްރިއާޔަތް ކުރާނެ ލަފާތަކެކެވެ. އެކަމަކު އެލަފާތަކަށް އަމަލުކުރުމަށް ކައުންސިލްގެ މައްޗަށް ލާޒިމެއް ނޫނެވެ.
  • ކޮންމެ އަހަރެއްގެ މާޗްމަސް ނިމުމުގެ ކުރިން ފާއިތުވިއަހަރު ބޯޑުން ކުރި މަސައްކަތްތަކާއިބެހޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މިކަމަކީ ބޯޑުގެ މުގައްރިރުގެ ޒިންމާ އެކެވެ.