އަލްފާޟިލް ޙަސަން އާދަމް (ސިކުނޑި ޙަސަން މަނިކު) ފުވައްމުލަކު އަތޮޅުގެ އަތޮޅުވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، 1958 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން، ޖޫން މަހުގެ 7 ވަނަ ދުވަހު ރަސްމީކޮށް އޮފީހާ ޙަވާލުވެވަޑައިގަތެވެ.
އެމަނިކުފާނު އޮފީހުގެ ލިޔެކިޔުންތައް ދިރާސާކުރައްވައި، އިޞްލާޙުކުރައްވަން ޖެހޭ ކަންކަން ފާހަގަކުރައްވައި، އުނިކަންކަން ރަނގަޅުކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައިގެންނެވިއެވެ. މިގޮތުން، އޮފީހުގައި ޔައުމިއްޔާއެއް ލިޔެވެމުން ނުދާކަން ފާހަގަކުރައްވައި، 1958 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ޔައުމިއްޔާ ލިޔުމުގެ އުޞޫލު ތަޢާރަފުކުރެއްވިއެވެ.
ސިކުނޑި ޙަސަން މަނިކުގެ އަތޮޅުވެރިކަމުގައި އިދާރީ ހިންގުން ހަރުދަނާކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވެއެވެ. ޚާއްޞަކޮށް ޔައުމިއްޔާ ލިޔުމުގެ އާދަކާދަ ތަޢާރަފުކުރެއްވުމަކީ، އެދުވަސްވަރުގެ ހިންގުމުގެ ނިޒާމަށް ގެނެވުނު އެންމެ މުހިންމު އެއް ކުރިއެރުން ކަމުގައި ފާހަގަކުރެވެއެވެ.
ސިކުނޑި ޙަސަން މަނިކު އަތޮޅުވެރިކަމުގެ މަޤާމުގައި ޚިދުމަތްކުރެއްވީ 10 މަހާއި 14 ދުވަހުގެ މުއްދަތަކަށެވެ. މި ކުރު މުއްދަތުގައިވެސް އެމަނިކުފާނު ގެންނެވި ބަދަލުތަކަކީ، އޭރުގެ އިދާރީ ހިންގުމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމުގައި ދެކެވެއެވެ.
ހިދުމަތް ކުރި ތާރީޚް
11 މާރިޗް 1958 - 25 ޖެނުއަރީ 1959