ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ "އުފަކާރަ" ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރުގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
"އުފަކާރަ" އަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން، ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްޞަދުގައި ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ. ފުވައްމުލައް ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން މި މަހުގެ 14 އިން 16 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު 74 ބައިވެރިއަކުވަނީ ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ކާބޯތަކެތި ރައްކާތެރިކަމާއެކު އުފެއްދުމާއި، ތައްޔާރުކުރުމުގެ އުކުޅުތައް ދަސްކޮށްދިނުމާއި، އުފެއްދުންތަކުގެ ފެންވަރު މަތިކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ކާބޯތަކެއްޗާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށްވެސް މި ޕްރޮގްރާމުގައި އިސްކަމެއް ދެވިފައިވެއެވެ.
މިތަމްރީން ޕްރޮގްރާމަކީ ގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކުން "ދިރިތި " ޕޯޓަލް ގައި ރަޖިސްޓްރީ ކުރުމަށްފަހު ފުރިހަމަ ކުރުން މަޖުބޫރު ޕްރޮގްރާމެކެވެ. މިއަހަރުގެ މެއި މަހުވެސް މިސިޓީގައި "އުފަކާރަ" ޕްރޮގްރާމުގެ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މެއި މަހު ބޭއްވި ތަމްރީނުތައް 64 ބައިވެރިއެއްވަނީ ފުރިހަމަކޮށްފައެވެ.