1618

ޔުނިސެފުން ކައުންސިލާ ބައްދަލުކޮށް ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

news image
ޕަބްލިޝްކުރެވުނު ތާރީޚް: 15 ޖުލައި 2026

ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންނަށް ދިމާވާ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޔުނިސެފާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު މުހިއްމު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ޔުނިސެފްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ އެޑްވާޑް އަޑާއީ ވިދާޅުވީ، މި ދަތުރަކީ ކުޑަކުދިންގެ ޙައްޤުތަކާއި، އެކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކައުންސިލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ކުރިއަށްގެންދާ ދަތުރެއް ކަމަށެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ކުރިމަތިވާ މައިގަނޑު ނުރައްކާތަކާއި، އެކުދިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

ކުދިން ރައްކާތެރިކުރުމާއި ދެވަނަ ފުރުޞަތު ދިނުން

މި ބައްދަލުވުމުގެ ތެރެއިން ކުޑަކުދިން ރައްކާތެރިކުރުމުގެ މުހިއްމުކަމާއި، އެކުދިންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ހޯދައިދިނުމާ ގުޅޭގޮތުން ކައުންސިލަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިވެއެވެ. ކޮންމެ ކުއްޖަކީވެސް ކުށެއް ކުރެވިދާނެ ކުއްޖެއްކަން ގަބޫލުކޮށް، އެފަދަ ކުދިންނަށް މުޖުތަމަޢުގެ ތެރެއިން ދެވަނަ ފުރުޞަތެއް ހޯދައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ސިޓީކައުންސިލާއި، ޔުނިސެފުންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުޑަކުދިންގެ ކުރިމަގު އުޖާލާކުރުމަށާއި، އެކުދިންނަށް ދިމާވާ އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަށް ކައުންސިލާއި ޔުނިސެފް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށް މަގުފަހިވެގެންދާނެއެވެ.