
ޤާނޫނު ނަމްބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދީ، ރަށްރަށުގެ ތަރައްގީގެ ނިންމުންތައް ނިންމުމުގެ ބާރު ސީދާ ރައްޔިތުންނާއި އެ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށް ދިނުމަށްޓަކައި ކަށަވަރުކޮށް ދީފައިވާ މުހިންމު ނިޒާމެކެވެ.
ނަމަވެސް، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް އަތުލެވޭ ގޮތަށް ޤާނޫނު ބަދަލުކުރުމަކީ ލާމަރުކަޒީ ނިޒާމުގެ އަސާސްތަކާ މުޅިން ހިލާފު، އަދި ކައުންސިލްތަކުގެ ބާރުތައް އުނިކޮށް މަރުކަޒީ ބާރުވެރިކަމަށް އެނބުރި ދިއުމަށް ކުރެވޭ ޑިމޮކްރެޓިކް ހަމަތަކާ ނުބައްދަލުކަމެކެވެ.
އަދި ހަމަ އެހެންމެ، މިއީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނަށް ގެނައި 8 ވަނަ އިސްލާހުގައި ވާގޮތުން، ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ އިޚްތިޞާސްގެ މިނިވަންކަމާއި، މިލްކުވެރިކަން އަލުން އަނބުރާ މަރުކަޒީ ސަރުކާރަށް ނަގާ، އެ ރަށްރަށުގެ ބިމާމެދު ގޮތެއް ނިންމުން ރައްޔިތުން އިންތިޚާބުކޮށް ރައްޔިތުން ތަމްސީލް ކުރާ ކައުންސިލެއްގެ އަތުން ނަގާ، ލާމަރުކަޒީ ޤާނޫނުން ކަށަވަރުކޮށްދޭ ބާރުތައް މުޅިން ނެތިކޮށް ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ނުކުރުމެވެ.
ލާމަރުކަޒީ ޤާނޫނުން ކަށަވަރުކޮށްދީފައިވާ، ރަށްރަށުގެ އިޚްތިޞާސްގެތެރޭގައި ހިމެނޭ ބިންބިމާ، ތަންތަނާގުޅޭ އެއްވެސް ނިންމުމަކީ ރައްޔިތުންގެ ބަހެއްނެތި، އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ ބަހެއްނެތި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ނިންމިދާނެފަދަ ކަންކަން ކަމަކަށް މި ކައުންސިލުން ނުދެކެމެވެ.
ކައުންސިލްތަކުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި، ކައުންސިލްތަކުން އެކުލަވާލާ ތަރައްގީގެ މާސްޓާ ޕްލޭންތަކުގެ ނަޒާހާތްތެރިކަން މިއީ ސަރުކާރުގެ އަމިއްލަ ނިންމުމަކުން ކޮންމެ ވަގުތަކުވެސް އަތުލެވިދާނެ އެއްޗަކަށް ހެދުމުން އިގްތިސާދީ ނުވަތަ އިޖުތިމާއީ ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ
ބިމެއް އަތުލުމަށްފަހު މާލީ ގޮތުން ބަދަލެއް ދިނުމަކީ، ރައްޔިތުންގެ އިހުތިސާސްގެ ތެރެއިން ބިން ވަކިކުރުމުން ރަށުގެ ތަރައްގީއަށާއި އާންމު މަސްލަހަތަށް ލިބޭ އުނިކަމުގެ ހަގީގީ ހައްލެއް ނޫނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުންނަށާއި އެ ރައްޔިތުންގެ އިންތިޚާބީ މަންދޫބުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޑިމޮކްރެޓިކް ހަމަތަކާ ޚިލާފަށް އުނިކޮށް، ރައްޔިތުންގެ ސީދާ އިންތިޚާބަކުން އިންތިޚާބުކޮށްފައިނުވާ ވަޒީރުންގެ މަޖިލީހަށް އެ ބާރުތައް މުތުލަޤަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުން މި ނިންމުން ނިންމުމުގައި ޑިމޮކްރެޓިކް ހަމަތަކާއި، ރައްޔިތުންގެ ވިންދާއެއްގޮތަށް މިކަން ނިންމާފައި ނުވާކަން ދޭހަވަނީ، މިކަމާ ދެކޮޅަށް ރަށްޔިތުން ފާޅުކުރަމުންދާ ޚިޔާލުތަކަށް ނުބަލާ، އަދި މި ބިލް ފާސްނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށްވެސް ރިޢާއަތް ކުރުމެއް ނެތި، ޑިމޮކްރެޓިކް ހަމަތަކަށް ބެލުމެއް ނެތި، މި ބިލު ފާސްކޮށްފައިވާތީއެވެ. މިކަމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ، އަދި ހިތާމަކުރާ ކަމެކެވެ.
އަދި މީގެ ކުރިންވެސް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މާލީ އަދި އިދާރީ މުހިންމު ކަންތައްތަކެއް ކުރުން ހަނިކޮށް ކައުންސިލްތަކުގެ ބާރުވަނީ ކަނޑުވާލާފައެވެ. އެކަމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އުނދަގޫތަކާ ކުރިމަތިވާ ކަމެއްކަން މިހާރުވެސް މިދަނީ ތަޖުރިބާ ކުރަމުންނެވެ. އަދި މިއީ މި ކައުންސިލުން ނުހަނު ހިތާމަކުރާ ކަމެކެވެ.
އެހެން ކަމުން ލާމަރުކަޒީ ގާނޫނަށް މިގެންނަންއުޅޭ ބަދަލަކީ ރައްޔިތުންގެ ބާރުވެރިކަމާއި ކައުންސިލްތަކުގެ ގާނޫނީ އިހުތިސާސަށް އުނިކަން އަންނަފަދަ ކަމަކަށްވާތީ މި ބިލް ތަސްދީޤު ނުކޮށް އަނބުރާ ފޮނުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މި ކައުންސިލުން ގޮވާލަމެވެ.