އިޖުތިމާއީ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޓީގެ އެންމެހައި ހިއްސާދާރުން ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ މަލްޓި ސެކްޓޯރަލް ސޯޝަލް އޯވާސައިޓް ކޮމިޓީ (އެމްއެސްއޯސީ)ގެ ބައްދަލުވުމެއް ރޭ ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ.
ފުވައްމުލައް ސިޓީގެ އެމްއެސްއޯސީ އަކީ މި މަގުސަދުގައި މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި އުފެއްދުނު މިފަދަ ފުރަތަމަ ކޮމިޓީއެވެ. އަދި ރޭ ބޭއްވި ބައްދަލުވުމަކީ ސިޓީ ފެންވަރުގައި ބޭއްވި މިބާވަތުގެ ފުރަތަމަ އެމްއެސްއޯސީ ބައްދަލުވުމެވެ. ރޭގެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރ، ކައުންސިލަރުން، ޔުނިސެފް އަދި ފުވައްމުލައް ސިޓީ ޕޮލިހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އިބަމަ ގޮފިންނާއި ފުވައްމުލައް ހޮސްޕިޓަލް އަދި މިސިޓީގެ ސްކޫލްތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.
އެމްއެސްއޯސީއަކީ 2023 ވަނަ އަހަރު ޔުނިސެފް މޯލްޑިވްސްއާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ގުޅިގެން ދައުލަތުގެ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޒުވާނުން ހިމެނޭހެން އުފައްދައިފައިވާ ސްޓިއަރިން ކޮމިޓީއެކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެކަމަށް ރައްދުދިނުމަށް ގައުމީ ފިޔަވަޅު އެޅުމުގެ ޕްލޭނެއް އެކުލަވާލުމަކީވެސް މިކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.