ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ގައި ޖަޕާނުގެ އޮޑަވާރާ ސިޓީގެ މޭޔަރ ކެއިންޗީ ކާޓޯ ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ. ފުވައްމުލައް ސިޓީން މަރުޙަބާ ވިދާޅުވީ މޭޔަރ އިސްމާޢީލް ރަފީޤާއި ޑެޕިއުޓީ މޭޔަރާއި، ކައުންސިލް މެމްބަރުންނާއި، ސިޓީ ކައުންސިލްގެ މުއައްޒަފުންނެވެ.
އޮޑަވާރާ ސިޓީގެ މޭޔަރުގެ މި ދަތުރުފުޅަކީ ފުވައްމުލައް ސިޓީގެ މޭޔަރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ މޭޔަރާއެކު ރަސްމީ ވާހަކަތައް ބާއްވަވާ، ދެ ސިޓީ ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. ޚާއްސަކޮށް އޮޑަވާރާ ސިޓީއާއި ފުވައްމުލައް ސިޓީ އާއި ދެމެދު "ސިސްޓަރ ސިޓީ" އެއް ޤާއިމްކުރުމަށްކުރާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އޮޑަވާރާ ސިޓީގެ މޭޔަރު މި ސިޓީގެ މުހިއްމުތަންތަނަށް ޒިޔާރަތްކުރައްވާ، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިމާވެށި ކުލަބުގެ ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.