
ފުވައްމުލަކަށް ކުރިމަތިވި ފެނުގެ ކާރިޡާއާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކޮންމެ މަހަކު އެއްފަހަރު މިރަށުގެ ސަޕްލައި ފެން ޓެސްޓު ކުރުމަށް ނިންމާފައެވެ. އެގޮތުން މި ކައުންސިލުން ވަނީ ރަށުގެ ކޮންމެ އަވަށެއް ހިމެނޭހެން ސަޕްލައި ފެނުގެ ސާމްޕަލްތަކެއް ނަގައި MWSC (މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް) އަށް ޓެސްޓުކުރުމަށް ފޮނުވާފައެވެ. މި ޓެސްޓްތަކުގެ ނަތީޖާއާއި URA (ޔޫޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީ) ގެ ސަޕްލައި ފެނުގެ މިންގަނޑާއި އަޅާކިޔާލިއިރު ބައެއް ބައިތައް އެންމެ އެދެވޭ މިންގަނޑަށް ނުފެތުނު ކަމުގައިވިޔަސް ނުރައްކާތެރި މިންގަނޑަކަށް ނުދެއެވެ. URA ގެ ސަޕްލައި ފެނުގެ މިންގަނޑަކީWHO ގެ ސަޕްލައި ފެނުގެ ސްޓޭންޑާރޑް އާ އެއްގޮތަށް ހެދިފައިވާ މިންގަނޑެކެވެ. އެހެންކަމުން ފުވައްމުލަކުގެ ސަޕްލައި ފެނަކީ WHO ގެ ސަޕްލައި ފެނުގެ މިންގަނޑަށް ފެތޭ ފެންވަރުގެ ފެނެއް ކަމުގައި ދެންނެވީމެވެ.
މި ކައުންސިލުން ދަނީ URA އާއި ގުޅިގެން ކޮންމެ މަހަކު ފެން ޓެސްޓުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ކަންތައްތައް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންނެވެ. އަދި ކޮންމެ މަހަކު މި ކައުންސިލުން ސަޕްލައި ފެން ޓެސްޓުކޮށް ފެނުގެ ފެންވަރަށް އަންނަ ބަދަލުތައް ގާތުން ބަލަމުންދާނެ ވާހަކަ ވެސް ދެންނެވީމެވެ.