ފެނުގެ ޚިދުމަތާ ގުޅިގެން މިކައުންސިލްގެ ކުއްލި ޖަލްސާއަށް ހުށަހެޅި ޤަރާރާ ގުޅިގެން ނެރޭ ނޫސް ބަޔާން

news image
ޕަބްލިޝްކުރެވުނު ތާރީޚް: 17 ނޮވެމްބަރ 2025

ފެނަކަ ކޯޕަރޭޝަނުން މިސިޓީއަށް ދެމުންދާ ފެނުގެ ޚިދުމަތާ ގުޅިގެން މިކައުންސިލްގެ 2025 ވަނަ އަހަރުގެ 07 ވަނަ ކުއްލި ޖަލްސާ އަށް ހުށަހެޅުނު ޤަރާރާ ގުޅިގެން ނެރޭ ނޫސް ބަޔާން

މިސިޓީގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް މިކައުންސިލުން ވާނީ އެކިފަހަރުމަތިން ހުށަހަޅާފައެވެ. އެހެންނަމަވެސް، މިމައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބި، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ މެދުތެރެއިން ފެށިގެން ފެނުގެ ޚިދުމަތް މެދުކެޑެމުން ދިއުމާއި، ފެން ތަޣައްޔަރުވެފައިވާކަމުގެ ރައްޔިތުންގެ ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެން، މިކައުންސިލުން ވަނީ މި މައްސަލަތަކުގެ ތަފްސީލީ މަޢުލޫމާތާއި އެންމެފަހުން ކުރެވުނު ޓެސްޓުތަކުގެ ނަތީޖާ ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް އެދިފައެވެ. މިމައްސަލަތަކާ ގުޅިގެން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މިސިޓީއަށް ޒިޔާރަތްކޮށް އިންސްޕެކްޝަނެއް ހަދާފައެވެ. މީގެ އިތުރުން، ފެނުގެ ފެންވަރު ބެލުމަށްޓަކައި ޓެސްޓުކުރުމަށް ސާމްޕަލްތައްވެސް ނެގިފައިވެއެވެ. ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިންސްޕެކްޝަން ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، އިޞްލާޙުކުރަންޖެހޭ އަންނަނިވި 7 ކަންތައް ފެނަކަ ކޯޕަރޭޝަނަށް ވަނީ އަންގާފައެވެ:

  • މައްސަލަ ޖެހިފައިވާ ފެން ޕްލާންޓް އަވަސް މުއްދަތެއްގެ ތެރޭގައި މަރާމާތުކޮށް އޮޕަރޭޝަނަލް ހާލަތަށް ގެނައުން
  • މައްސަލަ ދިމާވެފައިވާ ބޯހޯލްތައް ވީއެންމެ އަވަހަކަށް މަރާމާތުކޮށް ބޭނުންކުރެވޭނެ ހާލަތަށް ގެނައުން
  • ތިންވަނަ ސްޓޯރޭޖް ޓޭންކް މަރާމާތުކޮށް ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުން
  • ފެނުގެ ނިޒާމުގައި ހުރި ލީކުތައް ދެނެގަތުމަށްޓަކައި ލީކް އެސެސްމަންޓެއް ހަދައި، ލީކްވުމަށް ދިމާވާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުން
  • ކްރޮސް ކަނެކްޝަން ހަދާފައިވާ ގޭގެ ދެނެގަތުމަށްޓަކައި ސަރވޭއެއް ކުރުމަށްފަހު، އެފަދަ ގޭގެ ފާހަގަކޮށް އެކަން ހުއްޓުވުން
  • ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ފުވައްމުލައް ސިޓީގައި ފެނުގެ ޑިމާންޑު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ މިންވަރަށް ރިޢާޔަތްކޮށް، ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމަށް ޕްރޮޕޯޒަލެއް އެކުލަވާލައި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޝެޑިއުލެއް ތައްޔާރުކުރުން

އެންމެ ފަހުން ހެދުނު ޓެސްޓުތަކުން ފެނުގައި ޖަރާސީމުގެ މިންވަރު އެކަށީގެންވާ މިންވަރަށްވުރެ މަތިކަމަށް ފާހަގަކުރެވުމާ ގުޅިގެން، މުޅި ސިޓީއަށް ފޯރުކޮށްދެވޭ ފެން ވަގުތީގޮތުން މެދުކަނޑާލެވުނެވެ. މިކަމާ ގުޅިގެން ކައުންސިލުން ފެނަކައިގެ ކިބައިން އެދިފައިވަނީ ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ޔަޤީންކުރެވެންދެން އަލުން ފެން ދޫނުކުރުމަށެވެ. އެހެންނަމަވެސް، 13 ނޮވެމްބަރު 2023 ގައި ފެން ދޫކުރުން އަލުން ފަށާފައިވެއެވެ. މިކަމާ ގުޅިގެން ކައުންސިލުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ސިއްހީ ވުޒާރާއާއި ކަންބޮޑުވުން ހިއްސާކޮށްފައެވެ.

14 ނޮވެމްބަރު 2023 ގެ މެންދުރުފަހު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ސިޓީގައި ދޫކުރެވޭ ފެނަކީ ރައްކާތެރި ފެންކަމުގައި ރަސްމީކޮށް އަންގާފައެވެ. ކުރެވުނު ޓެސްޓުތަކާއި އޭގެ ނަތީޖާތައް ހިއްސާކުރުމަށް މިކައުންސިލުން އެދިފައިވީނަމަވެސް، މިހާތަނަށް އެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރެވިފައެއް ނުވެއެވެ. އަދި ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ދަނީ ކައުންސިލަށް ލިބެމުންނެވެ.

އެހެންކަމުން، ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފެނަކައަށް ހުށަހަޅާފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، އެމަސައްކަތް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެޕްރޫވްކޮށް މިކައުންސިލަށް އެންގެވުމުން މެނުވީ، މިސިޓީގެ ރައްޔިތުންނަށް ވޯޓަރ ސަޕްލައި މެދުވެރިކޮށް ބޯފެން ދޫނުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އިލްތިމާސްކުރަމެވެ. އަދި ޔުޓިލިޓީ އޮތޯރިޓީއިން ފެނަކަ ކޯޕަރޭޝަނަށް އަންގާފައިވާ ފެނުގެ ރައްކާތެރިކަމާގުޅޭ ކަންތައްތައް ފުރިހަމަނުކޮށް ދޫކުރާ ފެނުގެ ރައްކާތެރިކަމާމެދު ކައުންސިލަށް ޔަޤީންކަމެއް ނެތުމުން، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން ފެނަކައިން ދޫކުރާ ސަޕްލައި ފެން ބޭނުންކުރުމުގައި ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

މީގެއިތުރުން، ރައްޔިތުންނަށް ސާފު، ރައްކާތެރި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެވެސް ޒިންމާއަކަށްވީހިނދު، ފެނަކައިން ފުވައްމުލަކުގެ ރައްޔިތުންނަށް ބުއިމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަޤީންކުރުމަށް މިނިވަން، މުސްތަޤިއްލު ފަރާތެއް މެދުވެރިކޮށް ބޭނުންވާ ޓެސްޓުތައް ޤަވާޢިދުން މެދުނުކެނޑި ހެދުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެގޮތުން ފުޅީގައި ފެން ބަންދުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރަމުންދާ ވާހަކަވެސް ދަންނަވަމެވެ.

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ އިންސާނީ ޙައްޤަކަށްވާއިރު، މިސިޓީގެ ރައްޔިތުން އެކަމުން މަޙްރޫމްވަމުންދާތީ، އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހެޅުމުގެ އިތުރުން، މިސިޓީގެ ރައްޔިތުންނަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ފެނަކީ ބޭނުންކުރަން ރައްކާތެރި ފެންކަން ޔަޤީންކޮށްދިނުމަށާއި، ފެން އުފައްދާ ގޭގެއަށް ފޯރުކޮށްދިނުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްދެއްވުން އެދި، ކައުންސިލުން މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

25 ޖުމާދުލްޢޫލާ 1447 ހ.

16 ނޮވެމްބަރ 2025 މ.