1618

ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފް ގާޑް ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ފަށައިފި

news image
ޕަބްލިޝްކުރެވުނު ތާރީޚް: 16 ސެޕްޓެމްބަރ 2026

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން ( އަމްފާ) އިން އިސްނަގައިގެން ކުރިޔަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ. މިއަދު ހެނދުނު ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ މިހާރު ފުވައްމުލައް ސިޓީއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވަނީ އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުދިންނެވެ. ތަމްރީނުތައް ފޯރުކޮށްދޭނީ "ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާ" ގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނާއި ދިވެހި އިންސްޓްރަކްޓަރުންނެވެ. މީގެ ތެރޭގައި ތިއަރީބަޔަކާއި، މޫދުގެ ހަރަކާތްތަކާއި، މޫދުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާގުޅޭ އަމަލީ ތަމްރީނުތައް ހިމެނޭނެއެވެ. މީގެ އިތުރުން ޕްރޮގްރާމްގެ ބައިވެރިން މޫދަށް ހޭލުންތެރިވުމާއި، މޫދުގެ ރައްކާތެރިކަން، ރެސްކިއު، އަވަސް ފަރުވާ އަދި ސީޕީއާރަށް ހޭލުންތެރިކުރުން، ގުޅިގެން މަސައްކަތްކުރުން، ލީޑަރޝިޕް އަދި ތިމާވެށި ހިމާޔަތްކުރުމުގެ މައުލޫމާތުވެސް ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވިދާޅުވީ މިއީ ކައިރި ހިސާބެއްގައި ރަށެއްނެތް، އެކަހެރިކޮށް އޮތް ހަމަ އެކަނި އަތޮޅާއި ރަށަށް ވެފައި، އެހެން ރަށްތަކާ ޚިލާފަށް ބޮޑެތި ރާޅު ނަގާ ފުވައްމުލައް ސިޓީ ކަހަލަ ރަށަކަށް މުހިއްމު ޕްރޮގްރާމެއް ކަމަށެވެ.

"ދިމާވެދާނެ ނުރައްކަލަކުން އަމިއްލަ މީހާ ނުރައްކަލަކަށް ނުގޮސް އެހެން މީހުން ސަލާމަތް ކުރާނެ އުކުޅުތައް ދަސްވުމަކީ މުހިއްމު ކަމެއް ހަމަ އެހެންމެ، މި ޤުދުރަތީ ހަދިޔާ، މޫދާ ގުޅިފައިވާ ވަސީލަތްތަކާއި އެއަށް ދޭންވާ އިޙްތިރާމާއި ރައްކާތެރިކަން އެނގިތިބެ މޫދާ ރައްޓެހި ކުދިބަޔަކަށް އަހަރުމެން ވުމަކީވެސް މުހިއްމު ކަމެއް" ޟިރާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވީ އޮސްޓްރޭލިޔާއާއި ރާއްޖެއާއި އެއްގޮތް ކަންތައް ތަކެއް ހުރިކަމަށާއި މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހައިކޮމިޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއަކީވެސް ޖަޒީރާ ޤައުމަކަށްވެފައި، ދިވެހިންގެ ބޮޑު އާބާދީއެއް މޫދާ 100 މީޓަރު ކައިރީގައި ދިރިއުޅެމުންދާއިރު، އޮސްޓްރޭލިއާގެ އާބާދީގެ 90 އިންސައްތަ މީހުން ދިރިއުޅެނީ މޫދާ 100 ކިލޯމީޓަރު ކައިރީގައި. އެހެން ކަމުން މޫދުގެ ރައްކާތެރިކަމާއި ލައިފްގާޑު ހުނަރުތަކަކީ އަޅުގަނޑުމެން ދެ ޤައުމުގެ ރައްޔިތުންނަށްވެސް މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންތިހާއަށް މުހިންމު ކަންކަން. އޮސްޓްރޭލިއާ މާލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ކުރިއަށްގެންދާ "މޯލްޑިވްސް ޖޫނިއަރ ލައިފްގާޑިންގ ޕްރޮގްރާމް" އަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޮސްޓްރޭލިއަން ހައިކޮމިޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ހައިކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، އަމްފާގެ ނައިބު ރައީސް އާމިނަތު ސަލާޙު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް ހުނަރުތަކެއް ދަސްވުމުގެ އިތުރުން، ތަމްރީނު ދޭނެ ދިވެހި ލައިފް ގާޑުންގެ ޤާބިލްކަން އިތުރުވެގެން ދާނެކަމަށެވެ.

" މި ޕްރޮގްރާމްގައި ފޯރުކޮށްދޭ މަޢުލޫމާތާއި ޕްރެކްޓިކަލް ހުނަރުގެ ބޭނުންހިފާ، އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ސަލާމަތަށް މަސައްކަތް ކުރަން އެނގިގެންދާނެ. މުސްތަޤްބަލުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދަކީ މި ޕްރޮގްރާމްގެ ސަބަބުން ކުދިން މޫދުގެ މާހައުލަށް އިތުރަށް އަހުލުވެރިވެ، މޫދުގައި އުޅޭއިރު އަމިއްލަ ރައްކާތެރިކަމުގެ އިތުރުން އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ހިނދު އެކަންވެސް އެނގޭ ކުދިބަޔަކު ތަމްރީނު ކުރުން" އޭނާ ވިދާޅުވިއެވެ.

ފޮޓޯ ގެލެރީ