
ފުވައްމުލައް ސިޓީގައި ހުރި ވެމްކޯ އަދި ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަމުންދާކަން މި ކައުންސިލްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މިގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އާމްދަނީ ލިބޭނެ މަގު ކުއްލިއަކަށް ބަންދުވެ، އެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަކަށްވާތީ، މިކަމަކީ މި ކައުންސިލުން އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެ އަދި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ.
ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި މިފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، މުވައްޒަފުންގެ މަސައްކަތުގެ އިޚްލާޞްތެރިކަމާއި ފެންވަރަށް ބެލުމެއް ނެތި، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ ނުވަތަ ވަކި ވިސްނުމަކަށް ތާއީދު ނުކުރާތީ ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
މިއީ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެވިފައިވާ ވައުދުތަކާއި، އިންސާފުވެރިކަމާއެކު ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނެ ކަމަށް ބުނާ ސަރުކާރުގެ އުޞޫލުތަކާ ފުށުއަރާ ކަމެއްކަން ފާހަގަކުރެވެއެވެ.
އެއްކޮޅުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، އަނެއްކޮޅުން މަތީ ފަންތީގެ މަޤާމުތަކާއި ސިޔާސީ މަޤާމުތައް އިތުރުކުރެވެމުންދާކަމުގެ ކަންބޮޑުވުންތައް އާންމުންގެ މެދުގައި ވަނީ އުފެދިފައެވެ. އިޤްތިޞާދީ ގޮތުން ދަތި ދުވަސްވަރެއްގައި، ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި، ސިޔާސީ ސަބަބުތަކަށްޓަކައި އާދައިގެ މުވައްޒަފުންގެ ވަޒީފާ ގެއްލުވާލުމަކީ އެތައް ބައެއްގެ ޙައްޤުތަކަށް ސީދާ އުނިކަން ލިބިގެންދާނެ ކަމެކެވެ.
މި މަހު މާލެއަށް މި ކައުންސިލުން ކުރި ދަތުރުގައި ވެމްކޯ އަދި ފެނަކައާއެކު ބޭއްވުނު ބައްދަލުވުންތަކުގައި، ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން އެ ދެ ކުންފުނިންވެސް ދިނުމަށްފަހު ކުއްލިގޮތަކަށް ޕްރޮޖެކްޓް ހުއްޓާލުމާއި ގުޅިގެން ވަޒީފާއިން ވަކި ކުރާވާހަކަ ދެއްކުމަކީވެސް ސަރުކާރުގެ ބަހާ ޢަމަލު ދިމާނުވާ ކަމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ.
ވީމާ، މި ނާޒުކު ހާލަތުގައި ބިކަވަމުންދާ އާއިލާތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ވަޒީފާގެ މާޙައުލުގައި އިންސާފާއި ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި، ކަމާބެހޭ އެންމެހާ މުއައްސަސާތަކުންނާއި މިނިވަން ކޮމިޝަންތަކުން މިކަންކަމަށް އިސްކަންދީގެން އަވަހަށް ބައްލަވައި، ނިކަމެތިވަމުންދާ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އަދި ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ވަޒީފާ އަނބުރާ ދިނުމަށް ގޮވާލަމެވެ.