ފުވައްމުލައް ސިޓީގެ ފެނުގެ ނިޒާމަށް ދިމާވެގެންއުޅޭ މައްސަލައާއި ގުޅޭގޮތުން ނެރޭ ނޫސް ބަޔާން

news image
ޕަބްލިޝްކުރެވުނު ތާރީޚް: 12 ނޮވެމްބަރ 2025

ނޫސް ބަޔާން

ފުވައްމުލައް ސިޓީގެ ފެނުގެ ނިޘާމަށް ދިމާވެގެންއުޅޭ މައްސަލައާއި ގުޅޭ

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަށް ދިމާވަމުންދާ އެކިއެކި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން މި ކައުންސިލަށް ތަކުރާރުކޮށް ލިބެން ފެށުމާއެކު އެކަން ޙައްލުކުރުމަށް ސިޓީ ކައުންސިލުން ވާނީ ކަމާ ގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިގޮތުން ފެނުގެ ނިޘާމަށް ދިމާވަމުންދާ މައްސަލަތައް ދެނެގަތުމަށްޓަކައި ފެނަކަ ފުވައްމުލަކު ބްރާންޗާ އެކު ބޭއްވި ބައްދަލުވުންތަކުން، އެފަރާތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް، މިމައްސަލަ ހައްލުކުރެވޭތޯ ކައުންސިލުން މިދަނީ ތަކުރާރުކޮށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރަށް، މިސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ޓެސްޓްތަކާއި ކުރަންޖެހޭ އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ފެނަކައިގެ އިސްވެރިންނާއެކު މި މަހުގެ ހަތަރުވަނަ ދުވަހު ބައްދަލުވުމެއް ބާއްވާ މިކަމާގުޅޭ މަޝްވަރާ ވާނީ ކުރެވިފައެވެ.

އަދި މި ނޮވެމްބަރ 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ފެނުގެ މައްސައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ކައުންސިލުން ވާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މިއަދު ( 10 ނޮވެމްބަރ 2025 ) މިސިޓީ އިން ފެނުގެ ޚިދުމަތް މެދުކެނޑި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ، ފެނަކަ އާއެކު ކައުންސިލުން މިރޭގެ ވަގުތެއްގައި ބޭއްވުނު ބައްދުލުވުމުގައި އެބޭފުޅުން ހިއްސާކުރެއްވި މަޢުލޫމާތައް ބަލާއިރު ފެނުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 02 ދުވަސް ވާނެކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން، މިދަނޑިވަޅުގައި ރައްޔިތުން ބޯން ބޭނުންވާ ފެން ރައްޔިތުންނަށް ފޯރުކޮށް ދެވޭނެ އިންތިޒާމް ހަމަޖެހޭތޯ ކައުންސލުން މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ ވެސް ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިސިޓީ އިން ފެނުގެ ޚިދުމަތް ކެނޑުމާ ގުޅިގެން ރައްޔިތުން އުފުލަމުންދާ ދަތިތަކާއި، ތަކުލީފަށްޓަކައި ނިހާޔަތަށް ކައުންސިލުން ކަންބޮޑުވާ ވާހަކަ ވެސް މިފުރުސަތުގައި ދަންނަވަމެވެ.

10 ނޮވެމްބަރ 2025