1618

ފުވައްމުލައް ސިޓީ ކައުންސިލްގެ އެޕް "އަފުންސިޓީ" ލޯންޗް ކޮށްފި

news image
ޕަބްލިޝްކުރެވުނު ތާރީޚް: 2 އެޕްރީލް 2026

ފުވައްމުލައް ސިޓީ ކައުންސިލްގެ އެޕް "އަފުންސިޓީ" ލޯންޗް ކޮށްފިއެވެ. މިއީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި ދެފުށް ފެންނަ މިންވަރު އިތުރުކުރެވޭނޭހެން ތަރައްޤީކޮށްފައިވާ އެޕެކެވެ. މި އެޕްލިކޭޝަން މިހާރު އައި.އޯ.އެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ. މިއީ ސިޓީ ކައުންސިލްގެ ޚިދުމަތްތަކާއި ސިޓީއާ ގުޅޭ މައުލޫމާތު ވަގުތުން ބަލާލެވޭގޮތަށް ފަރުމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދޭ މަރުކަޒީ ޑިޖިޓަލް ނިޒާމެކެވެ. މިއީ ކައުންސިލަކުން މިގޮތަށް ތަރައްޤީ ކުރި ފުރަތަމަ އެޕެވެ.

"އަފުންސިޓީ" އަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް ޑިޖިޓަލްކޮށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެޕްލިކޭޝަނަކީ ސިޓީ މެނޭޖްކުރުމާއި ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ޚިދުމަތުގެ ހަލުވިމިނާއި، ލުއިފަސޭހަކަން އިތުރުކޮށްދޭ މަސައްކަތެކެވެ. މި އެޕްލިކޭޝަންގެ އެންމެ މުހިންމު އެއް ބަޔަކީ 3,700 އަށްވުރެ ގިނަ ތަންތަން ހިމެނޭ އިންޓަރެކްޓިވް ޗާޓެވެ. މީގެ ތެރޭގައި ގޯތިގެދޮރާއި، ވިޔަފާރިތަކާއި، މިސްކިތްތަކުގެ އިތުރުން އާންމު ޚިދުމަތްދޭ ތަންތަން ހިމެނެއެވެ. މި ސިސްޓަމް ފަރުމާކޮށްފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ވަގުތުން ތަންތަން ހޯދުމާއި މަގު ދެއްކުމާއި އަދި މެޕް ބޭނުންކުރާ ފަރާތަށް ފަސޭހަވާނޭހެން ބަދަލުކުރެވޭ ގޮތަށެވެ. މި ޕްލެޓްފޯމް އިތުރަށް ފުރިހަމަވެގެންދަނީ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު "އީފާސް" އާ ގުޅާލެވިފައިވުމުންނެވެ. މީގެ ސަބަބުން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެ، ޚިދުމަތްތަކަށް ފަސޭހައިން ވަދެވޭއިރު، ގެސްޓް ޔޫޒަރުންނަށް ލޮގިން ނުވެވެސް ބައެއް ޚިދުމަތްތައް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުގެ މަޢުލޫމާތު ވަގުތުން ބަލާލެވޭ ނިޒާމެއް މީގައި ހިމެނެއެވެ. މީގެ ސަބަބުން އުޅަނދު އޮތް ސަރަހައްދާއި، ދަތުރުގެ ހާލަތު ވަގުތުން ބަލާލެވޭނެއެވެ. އާންމުންގެ ބޭނުންތަކަށް އިސްކަންދީގެން، ނަމާދު ވަގުތުތަކާއި، ހުކުރު ތާވަލާއި މިސްކިތްތަކުގެ މައުލޫމާތާއި، އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ އިންތިޒާމު މި އެޕްގައި ހިމެނެއެވެ. އަދި "އައިކިއު އެއާ" މެދުވެރިކޮށް ވައިގެ ނުސާފުމިން ވަގުތުން ބަލާލެވުމާއި، ސިއްހީ އިރުޝާދުތައް ލިބުމަކީ ތިމާވެށީގެ ހާލަތަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މި އެޕްލިކޭޝަންގެ މުހިންމު އެއް ބަޔަކީ މައްސަލަ ހުށަހަޅާ ސިސްޓަމެވެ. އެޕް މެދުވެރިކޮށް އާންމު ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ސީދާ ކައުންސިލަށް ހުށަހެޅޭނެއެވެ. މި ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށްދާ ގޮތް ބަލާލެވޭތީ، ކައުންސިލްގެ ޒިންމާދާރުކަން އިތުރުވެގެންދެއެވެ. މީގެ އިތުރުން "އަފުންއަޑޮ" މޮޑިއުލް މެދުވެރިކޮށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅުމާއި، މަޝްވަރާކުރުމާއި، އަދި އެކި ކަންކަމުގައި ނަގާ ވޯޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ. "ވަންގަވް" ޚިދުމަތާ ގުޅާލެވިފައިވުމުން، ސަރުކާރުގެ އެކި ޚިދުމަތްތަކަށް އެދުމާއި އެކަންކަން ކުރިއަށްދާ ގޮތް ބަލާލުމުގެ ފުރުސަތު ލިބެއެވެ. ހަމައެއާއެކު، އިޢުލާންތަކާއި، ކައުންސިލްގެ ނިންމުންތަކާއި، މާލީ ރިޕޯޓުތަކާއި އޮޑިޓް ރިޕޯޓުތައް މި ޕްލެޓްފޯމުން ފެންނަން ހުރުމަކީ މުއައްސަސާގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ.

މީގެ އިތުރުން، ޚަބަރާއި، ހަރަކާތްތަކުގެ މައުލޫމާތާއި، ވަޒީފާގެ ފުރުސަތުތަކާއި، އަދި ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑް ފެންނަން ހުރުމަކީ މައުލޫމާތު ފެތުރުމަށާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

އަފުންސިޓީ" އިފްތިތާހުކުރުމަކީ، ޑިޖިޓަލް އީޖާދުތަކުގެ އެހީގައި ސިޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ހެއްކެކެވެ.

މި މަޝްރޫޢުގެ ދަށުން، މުހިންމު ޚިދުމަތްތަކާއި މަޢުލޫމާތު ބޭނުންކުރަން ފަސޭހަ އެއް ޕްލެޓްފޯމަކަށް ޖަމާކޮށްދިނުމަކީ، ރާއްޖޭގެ މާޙައުލާ ގުޅޭގޮތުން "ސްމާޓް ސިޓީ" ތަރައްޤީކުރުމުގައި ނަމޫނާއެއް ދައްކުވައިދޭ ކަމެކެވެ. އަދި މިއީ ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ބެލެހެއްޓުމަށް ޤައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ފުޅާ މަޤްޞަދުތަކާ އެއްގޮތްވާ ކަމެއްވެސް މެއެވެ.