އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އެމް.ޖޭ.އެސްގެ ދަރިވަރު ފާތިމަތު ހޫނާ ޢަބްދުالله ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް ސްކޫލްގެ ދަރިވަރު މިޝްޔާ މުސްތަފާ ހޯދައިފި.
މުބާރާތުގެ ނަތީޖާފާޅު ކުރުމަށް މުހައްމަދު ޖަމާލުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ޚާއްސަ ވަނަތަކަށް އިނާމް ބައްސަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުالله ސަޢުދާން
މުބާރާތުގެ ޖޫނިޔާ ގްރޫޕުން މުޅި މުބާރާތުން އެއްވަނަ ސްކޫލަކަށް ހޮވުނީ ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް ސްކޫލެވެ.
ސީނިއަރ ގުރޫޕުން މުޅި މުބާރާތުން އެއްވަނަ ސްކޫލަކީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މުބާރާތުގައި ޚާއްސަ ކެޓަގަރީއެއް ހިމަނާ އެ ކެޓަގަރީގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަނީ އިނާމް ދީފައެވެ.
މީގެ އިތުރުން ސްކޫލްތަކާއި ޤުރުއާން ކުލާސް ހިމެނޭހެން ޖޫނިއަރ ގުރޫޕްގެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު ފަސް ދަރިވަރުންނާއި ރެޖިސްޓަރ ކޮށްފައިވާ ޖަމިއްޔާތަކުން ބައިވެރިވެ ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް ވަނީ އިނާމްދީފައެވެ.
މި މުބާރާތަކީ ފުވައްމުލައް ސިޓީގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ފަންނު އާލާ ކުރުމުގެ މަތިވެރި މަޤްޞަދުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.. މިއީ ފުވައްމުލައް ސިޓީ ކައުންސިލުން މިފަދަ ޤުރުއާން މުބާރާތެއް ބާއްވާ 9 ވަނަ ފަހަރެވެ.
މިސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޤުރުއާން ކުލާސްތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި، މި އަހަރު 7 ސްކޫލް، 3 ޤުރުއާން ކްލާސް އަދި 3 ޖަމިއްޔާއަކުން ޖުމްލަ 233 ދަރިވަރުން ބައިވެރިވިއެވެ. މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދިޔައީ ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފި ހިމެނޭހެންނެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ގޮތްޕެއްވަނީ ހިމަނައިފައެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މިމުބާރާތުގެ ޖޫނިއަރ ގްރޫޕްގައި ހިމެނެނީ ފައުންޑޭޝަން ސްޓޭޖް އާއި ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނެވެ. ސީނިއަރ ގްރޫޕްގައި ހިމެނެނީ ސާނަވީ (ކީ ސްޓޭޖް 3 އަދި 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ވަކިން ދެ ގްރޫޕެއްގެ ގޮތުގައެވެ. މިއަހަރުގެ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ އާއި އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރީ އަޒްލީނާ އިބްރާހިމްއެވެ. މުބާރާތުގެ އިސްފަނޑިޔާރުގެ ގޮތުގައި ފަނޑިޔާރުކަން ކުރެއްވީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީއެވެ.
މި މުބާރާތް ބާއްވާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ވަގުފު ފަންޑާއި، ފަރީ ޙައްޖު އެންޑް ޢުމްރާ ޓުއާސްގެ ދީލަތި އެހީތެރިކަމާއެކުގައެވެ. އަދި މުބާރާތުގެ ކިޔެވުން ކުރިޔަށް ގެންދިއުމަށް މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2025ގެ ނަތީޖާ