1618

ޑީ.އާރު.ޓީ އެކްސްޕޯގެ "ޓައިގަރ ޝާކް ޑައިވް" އެވޯޑް ފުވައްމުލައް ސިޓީއަށް.

news image
ޕަބްލިޝްކުރެވުނު ތާރީޚް: 3 ފެބްރުއަރީ 2026

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވި ޑައިވިންގ، ރިސޯޓް އެންޑް ޓްރެވަލް (ޑީ.އާރް.ޓީ) އެކްސްޕޯގެ މެލޭޝިއާ އެޑިޝަންގައި "ޓައިގަރ ޝާކް ޑައިވް އެވޯޑް" ފުވައްމުލައް ސިޓީއަށް ލިބިއްޖެއެވެ. މިއީ އަހަރުގެ ހުރިހާ ދުވަހަކު ފުވައްމުލަކުން ފެންނަ ފެމުނު މިޔަރު (ޓައިގަރ ޝާކް) ޑައިވިންގއަށް ދުނިޔޭގެ ފެންވަރުގައި ލިބިފައިވާ މަގުބޫލުކަން ފާހަގަކޮށް ދީފައިވާ އެވޯޑެކެވެ. މި އެކްސްޕޯގައި ކައުންސިލުން ބައިވެރިވީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ރަސްމީ ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ޑިސްކަވަރ ފުވައްމުލައް" މެދުވެރިކޮށެވެ.

ޑީ.އާރް.ޓީ އެކްސްޕޯއަކީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ޑައިވް އަދި ޓްރެވަލް އެގްޒިބިޝަންތަކުގެ ތެރެއިން އެއް އެގްޒިބިޝަނެވެ. މިއީ ޑައިވް އޮޕަރޭޓަރުންނާއި، ޓޫރިޒަމް ބޯޑުތަކާއި، ރިސޯޓްތަކާއި އަދި ފަތުރުވެރިން އެއްތަނަކުން ބައްދަލުވާ ހަރަކާތެކެވެ. ކުއަލަލަމްޕޫރު އެޑިޝަނަކީ ޑައިވިންގއަށް ލޯބިކުރާ ގިނަ އަދަދެއްގެފަރާތްތަކާއި، ޓްރެވަލް ޕްރޮފެޝަނަލުން އަދި ޚާއްޞަކޮށް ޓޫރިޒަމް އޮޕަރޭޓަރުން ޒިޔާރަތްކުރާ ހަރަކާތަކަށް ވުމުން، މިއީ މުހިންމު މާކެޓްތަކާ ސީދާ މުއާމަލާތްކުރުމަށް މަންޒިލްތަކަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

"ޑިސްކަވަރ ފުވައްމުލައް" މެދުވެރިކޮށް ސިޓީ ކައުންސިލުން ދަނީ ރަސްމީ ވެބްސައިޓާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އަދި ބައިނަލްއަގުވާމީ ޑައިވް ފެއަރތަކުގައި ބައިވެރިވެ، ފުވައްމުލަކަކީ ފަތުރުވެރިކަމުގެ ތަފާތު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރަމުންނެވެ. މި ބްރޭންޑިންގްގައި މައިގަނޑު ގޮތެއްގައި ފުވައްމުލައް ސިޓީ އިޝްހާރު ކުރަމުންދަނީ އެކަހެރިކޮށް އޮންނަ އެއް ރަށުގެ މަންޒިލެއްގެ ގޮތުގައި އޮތް އޮތުމަށާއި، މި ރަށުގެ ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަމުގެ އިތުރުން، ޚާއްޞަކޮށް ޑައިވިންގ ފަދަ "ނިޝް" ޓޫރިޒަމް ދާއިރާތަކަށް އެ ރަށުގެ މަގުބޫލުކަން އިތުރުވަމުންދާ ދިއުމަށެވެ. ފުވައްމުލަކުގެ އަތިރިމައްޗާ ކައިރިން އަހަރުގެ ހުރިހާ ދުވަހަކު ފެމުނު މިޔަރު ފެންނާތީ، ފާއިތުވި އަހަރުތަކުގައި ފުވައްމުލަކަށް ވަނީ ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ޑީ.އާރް.ޓީ އެކްސްޕޯ ކޭ.އެލް އިން ލިބުނު އެވޯޑަކީ ދުނިޔޭގެ ޑައިވިންގ ކޮމިއުނިޓީގައި އެ މަންޒިލަށް އޮތް ގަދަރާއި، ބައިނަލްއަގުވާމީ މާކެޓްތަކުގައި ފުވައްމުލަކުގެ ފެންނަ ފެނުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެކެވެ.