ކާދު ހަދާ މެޝިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ކާދު ހަދާ މެޝިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން
20 އޮގަސްޓް 2025

ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ކޮމްޕޯސްޓު މެޝިނެއް ގަނެ އިންސްޓޯލް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތުން، ޖަޕާން ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކާ މަސައްކަތުގެ ތެރެއިން ޖަޕާން ސަރުކާރާއި ރައްޔިތުންވަނީ ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް އެއްލައްކަ ޑޮލަރުގެ ދީލަތި އެހީ ފޯރުކޮށްދީފައެވެ.
މިއެހީއާއި އެކު މިއަދު ސިޓީ ކައުންސިލާއި، އިންޑިޔާގެ އާތުކެއާ އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެކު ކޮމްޕޯސްޓް މެޝިނެއްގަނެ އިންސްޓޯލްކުރުމުގެ އެއްބަސް ވުމުގައިވަނީ ސޮއިކޮށްފައެވެ. މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ، މިރަށުގެ ދަނޑުވެރިކަމާ ގޭގެ ބަގީޗާއަށް ބޭނުންވާ ކޮމްޕޯސްޓް ނުވަތަ ފަސް މި މެޝިނުގެ އެހީގައި އުފެއްދޭނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ބޭނުންވާވަރަށް ރައްޔިތުންނަށް ވިއްކޭނެ. އަދި އެހެން ރަށްރަށްވެސް އުފައްދާ ކާދު ވިއްކުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
" މި މެޝިނާއެކު ކާދު ތައްޔާރުކުރަން ފެށުމުން ކުނީގެ މައްސަލައަށް ހައްލު ލިބި، ޚާއްސަކޮށް މިހާރު ކުނި ޖަމާކުރަމުންދާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށާއި، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުޔަކާ ހިތްހަމަ ޖެހުމެއް ލިބިގެންދާނެ" މޭޔަރު ވިދާޅުވިއެވެ.
މި ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ޖަޕާން ސަރުކާރާއި ރައްޔިތުން ގެ ފަރާތުން ލިބުނު މިއެހީ ފުވައްމުލައް ސިޓީ ކައުންސިލާއި ރައްޔިތުން ބަލައިގަންނަނީ ނުހަނު ޝުކުރުވެރިކަމާއެކީއެވެ.

ފޮޓޯ ގެލަރީ