ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމާގުޅޭ ޤާނޫނުގައި ބުނާ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި.
ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ރިޕޯޓް އިއްވާފައިވެއެވެ. މި ރިޕޯޓުގައި މި އަހަރުގެ ފުރަތަމަ ހަމަހު ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކާއި، ކުރި ޚަރަދާ ލިބުނު ފައިސާގެ ތަފްސީލް ވަނީ ރައްޔިތުންނަށް ހާމަކޮށްފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްގެ މަސައްކަތު ތާވަލާއި، ކުރިޔަށް ރާވާ ހުރި ކަންކަމާއި، ވޯކް ޕްލޭނާއި ބަޖެޓްގެ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވި ރައްޔިތުންވަނީ އެކި ކަންކަމާގުޅޭ ގޮތުން މޭޔަރ އަދި ކައުންސިލް މެމްބަރުންނާއި ސުވާލުކުރައްވާފައެވެ. އަދި މޭޔަރާއި ކައުންސިލް މެމްބަރުންވަނީ ރައްޔިތުންގެ ފަރާތުން ކަންބޮޑުވާ ކަންކަން އަޑުއައްސަވާ އެކަން ކަމަށް ޙައްލުހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. މީގެ އިތުރުން ސިޓީގެ އެކިކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު މި ބައްދަލުވުމަށް ވަޑައިގެންނެވި ރައްޔިތުންވަނީ ކައުންސިލާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމަކީ ސިޓީގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ދެ ފުށް ފެންނަގޮތަށް ކުރިޔަށް ގެންދިއުމާއި، ކައުންސިލުން ރާވާ، ތާވަލުކުރާ ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކޮންމެ ހަމަހަކުން ބާއްވަން ޤާނޫން ލާޒިމް ކުރާ ބައްދަލުވުމެކެވެ.