ބަރަކާތްތެރި ރަމަޟާން މަހުގެ ތަޙްނިޔާ

21 މާރިޗް 2023

1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށް، ވަކިން ޚާއްޞަކޮށް ފުވައްމުލައް ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ މާތްﷲ އަޅުގަނޑުމެން މުސްލިމުންނަށް ދަރުމަ ކުރައްވާފައިވާ ވަރަށް ޚާއްޞަ އަދި ހެޔޮކަމުން ފުރިގެންވާ މައްސަރެކެވެ. އެއީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ތަޤުވާވެރިކަން އިތުރުކޮށް، ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ އަދި އެހެން މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވުމުގެ ދުވަސްތަކެވެ. އެއީ ރަޙުމަތާއި ފާފަ ފުއްސެވުމާއި އަޅުތަކުން ނަރަކައިން މުއްތި ކުރެއްވުމުގެ ދުވަސްތަކެވެ.

އެހެންކަމުން މި ބަރާކާތްތެރި މައްސަރުގެ ޙަޤީޤީ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މި ދުވަސްތަކަށް މަރުޙަބާކިޔުމަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހެއެވެ. ރަމަޟާން މަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ވެސް ތައްޔާރުވާން ޖެހެއެވެ. ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ބީދައިން އަމިއްލަ ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ޖެހެއެވެ. މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައެވެ. ރަމަޟާން މަހަކީ ހެޔޮ ޢަމަލުކޮށް، ހެޔޮކަންތައްތައް ލިބިގަތުމުގެ މޫސުމެކެވެ.

ވީމާ، އަޅުގަނޑުމެންގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް ލިބިގެން މިދާ އަގުހުރި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހޯދައި ގަތުމަށްޓަކައި، އެކަމަށް ތައްޔާރުވެ، ތިމާގެ ހިތްނިޔަށް ޚާލިޞް ކޮށް، އިޚްލާސްތެރި ހިތަކާއިގެން މިމައްސަރާއި ބައްދަލު ކުރުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. އަދި މި ބަރަކާތްތެރި މަހުގެ ހެޔޮކަން ލިބިގަތުމަށްޓަކައި، އަޅުގަނޑުމެންގެ ތެރޭގައިވާ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް ދޫކޮށް، އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި ހީވާގިވެ، ވީހާވެސް ގިނަ ވަގުތު އަޅުކަމުގައި މަސްޢޫލުވެ، ކުރެވިފައިވާ ކުށްފާފަތަކުން ތަޢުބާވުމުގެ ވަރުގަދަ އަޒުމެއްގައި މި މައްސަރާއި ކުރިމަތިލުމަށް ވެސް އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

މާތްﷲ މިބަރަކާތްތެރި މައްސަރުގައި ރޯދަހިފަންޖެހޭ ފުރިހަމަ ގޮތުގައި ރޯދަހިފައި، ނަމާދު ޤާއިމުކޮށް، އިބަ ﷲ ގެ ފޮތް، ކީރިތި ޤުރްއާން ކިޔަވައި، ރޭ އަޅުކަން ކުރުމުގެ ހެޔޮ ތައުފީޤު އަޅަމެން އެންމެނަށް މިންވަރު ކުރައްވާށި! އަދި މި ބަރަކާތްތެރި މައްސަރުގެ ހެޔޮކަމުން އަޅަމެންގެ ކުށް ފާފަތައް ފުއްސަވައި، ރަޙްމަތްލައްވައި، ނަރަކައިގެ ޢަޛާބުން އަޅަމެން މިންޖު ކުރައްވާށި! އާމީން!