ފުވައްމުލަކު ޕަބްލިކް ލައިބްރަރީއިން ލައިބްރޭރިއަން ޓްރެއިނިންގް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުވައްމުލަކު ޕަބްލިކް ލައިބްރަރީއިން ލައިބްރޭރިއަން ޓްރެއިނިންގް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
15 ފެބްރުއަރީ 2023

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އިން ލައިބްރޭރިއަން ޕްރޮގްރާމެއް ފެބްރުއަރީ މަހުގެ 5 އިން 9 އަށް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވި ގެމަނަފުށި ސްކޫލުގެ އެސިސްޓެންޓް ލައިބްރޭރިއަން ތާލިބް އަލީއަށް ވަނީ ޕްރޮގްރާމްގައި ބައިވެރިވެ ނިންމި ކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ލައިބްރަރީއެއް ހިންގާ ބެލެހެއްޓުމުގައި އެތަނެއްގެ އުސޫލުތައް ބައްޓަންވެފައި ހުންނަން ޖެހޭނެ ގޮތްތަކުގެ އިތުރުން ލައިބްރޭރިއަންއެއްގެ ގައިގައި ހުރުން މުހިންމު ސިފަތަކުގެ މައްޗަށެވެ. އެގޮތުން ފޮތްތައް ވަކި ކުރުމާއި، އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާ މެދު ބާއްވަން ޖެހޭ ގުޅުމާއި ބެހޭގޮތުން ވެސް ވަނީ މައުލޫމާތު ދެވިފައެވެ. މީގެ އިތުރުން ލައިބްރަރީ އިން ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ލައިބްރޭރިއަން އާއި ދެމެދު ބާއްވަން ޖެހޭ ގުޅުން އުފައްދާނެ ގޮތާއި ދެމެހެއްޓެނިވި ގޮތެއްގައި އެގުޅުން ކުރިއަށް ގެންދާނެ ގޮތްތަކުގެ އިތުރުން، ފޮތްތައް ހަރު ތަކުގައި ޖެހުމާއި އެކަމުގައި ބަލަން ޖެހޭ ކަންތައްތަކާއި، ލައިބްރަރީއެއްގެ އިންވެންޓްރީ ބަލަހައްޓާނެ ގޮތާއި މެދުވެސް ވަނީ މައުލޫމާތުދީފައެވެ.

މި ޓްރެއިނިންގް ޕްރޮގްރާމުގައި ވަނީ ލައިބްރަރީ އެއް އެތަނުން ހިދުމަތް ހޯދާ ފަރާތްތައް ގަޔާވާނެ ފަދަ ގޮތަކަށް ޒީނަތްތެރި ކުރާނެ ގޮތްތަކާއި ލައިބްރަރީގައި ޕްރޮގްރާމުތައް ހިންގާނެ ގޮތާއި މެދު ވެސް އެސިސްޓެންޓް ލައިބްރޭރިއަން ތާލިބް ތަމްރީނުކޮށްފައެވެ. މީގެ އިތުރުން ލައިބްރަރީއެއްގެ ކަންތައް ރާވާ ހިންގާނެ ގޮތްތަކުގެ އިތުރުން ލައިބްރަރީއަށް ފޮތް ހޯދުމަށް ކުރެވިދާނެ ކަންތައްތަކާއި ފޮތް ފަސޭހައިން ލިބެން ހުންނާނެ ގޮތްތަކާއި މެދުވެސް ވަނީ މި ޕްރޮގްރާމުގައި ކިޔަވައިދީފައެވެ.

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އެންމެ ފުރަތަމަ ހުޅުވައިފައިވަނީ 13 ޖެނުއަރީ 2014ގައެވެ. އޭރު ފުވައްމުލައް ދިގުވާޑު ކައުންސިލުގެ ބެލުމުގެ ދަށުން ހިންގަމުން އައި މި ލައިބްރަރީ މަރާމާތަށް ބަންދު ކުރުމުގެ ކުރިން އެންމެ ފަހުން ބޭނުން ކޮށްފައިވަނީ 3 ޖޫން 2017 ގައެވެ. މަރާމާތުކުރުމަށްފަހު ޒަމާނީ ވަސީލަތްތަކާއި ކުޑަކުދިންނަށް ހާއްސަ ބައެއްގެ އިތުރުން އިތުރު ހިދުމަތްތަކާއި އެކު މި ލައިބްރަރީ އަލުން އާންމުންނަށް ހުޅުވާލައިފައިވަނީ 16 އޭޕްރީލް 2021ގައެވެ.

ފުވައްމުލަކު ލައިބްރަރީގައި މިހާރު ޖުމްލަ 6،000 އަށް ވުރެ ގިނަ ފޮތް ލިބެންހުރި އިރު އުމުރުން 3 އަހަރުން ފެށިގެން ކޮންމެ އުމުރެއްގެ މީހަކާއިވެސް ގުޅޭ ކަހަލަ ފޮތްތައް އެ ލައިބްރަރީއިން ލިބެން ހުންނާނެއެވެ. ލައިބްރަރީގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވާނަމަ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ދައްކަން ޖެހޭ މެމްބަރޝިޕް ފީގެ އަދަދަކީ 25 ރުފިޔާއެވެ. އަދި 18 އަހަރުން ދޮށީ މީހެއް ނަމަ 50 ރުފިޔާއެވެ.

ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އިން އެކި ކަހަލަ ޕްރޮގްރާމުތައް ލައިބްރަރީގައި ހިންގަމުން އަންނަ އިރު މިހާރުވެސް ވަނީ މާދަރީ ބަހުގެ ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައެވެ. އެގޮތުން 9 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިން އަދި 13 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް މަޒުމޫނު ލިޔުމާއި، ތަސްވީރުން ވާހަކަ ދެއްކުމާއި، ޙަބަރު ކިޔުމުގެ އިތުރުން ތާނަ ލިޔުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ހަރަކާތްތަކާއި ބެހޭ އިތުރު މައުލޫމާތު ފުވައްމުލަކު ޕަބްލިކް ލައިބްރަރީގެ ފޭސްބުކް ޕޭޖް އިން ލިބެން ހުންނާނެއެވެ.

ފޮޓޯ ގެލަރީ