މައިކްރޯ ފައިނޭންސް ސްކީމް 2024 ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

މައިކްރޯ ފައިނޭންސް ސްކީމް 2024 ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި
6 ޖޫން 2024

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލުން ދޫކުރަމުން އަންނަ މައިކްރޯ ފައިނޭންސް ސްކީމް 2024 އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މައިކްރޯ ފައިނޭންސް ސްކީމް ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

މިފަހަރުގެ ސްކީމް ކާމިޔާބުކޮށްފައިވަނީ 20 ފަރާތަކުންނެވެ. އެއީ 9 އަންހެން އަދި 11 ފިރިހެން ވިޔަފާރިވެރިންނެވެ. މި ލޯން ސްކީމަށް ކަނޑައަޅާފައިވާ ޖުމްލަ ރައުސުލްމާލުގެ މަދުވެގެން 40 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނުގެ އިންޓަރެސްޓެއްގެ ގޮތުގައި 5 އިންސައްތަ ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން މީހަކަށް ފަންސާސް ހާސް ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯން ދައްކަން ފެއްޓުމުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 3 މަސް ދުވަސް ކޮންމެ ފަރާތަކަށްވެސް ލިބޭނެއެވެ. މީގެ އިތުރުން ލޯން އެއްކޮށް ދައްކާ ހަލާސް ކުރުމަށް 5 އަހަރު ދެއެވެ.

މިދިޔަ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުގެ ސްކީމްއަށް ކުރިމަތިލުމަށް 14 ދާއިރާއަކުން ހުޅުވާލިއެވެ. އެއީ އަތްތެރި މަސައްކަތް، ބިއުޓީ އަދި މޭކްއަޕް ކުރުން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ކްރިއޭޓިވް އާޓްސް އަދި މިއުޒިކް، ކުޅިވަރު އަދި ފިޓްނަސް، މަސްވެރިކަން، އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓެނަންސް، މެނުފެކްޗަރިން، ދަނޑުވެރިކަން، ވެލްޑިންގް އަދި ކާޕެންޓްރީގެ މަސައްކަތް، ފަތުރުވެރިކަން އަދި އަމިއްލަ އުފެއްދުންތަކަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މި ލޯން ސްކީމް ދިނުމުގެ ބޭނުމަކީ މިސިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ދިނުމެވެ. އަދި މިސިޓީގެ ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމާއި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.