އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް 2023 ގެ އެންމެ ގިނަ ވަނަތަކާއި އެކު އެންމެ ކާމިޔާބު ޓީމަކަށް މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމް ޖޭ އެސް) ހޮވިއްޖެއެވެ.
މުބާރާތުގައި ވާދަކުރި 4 އުމުރުފުރާގެ ތެރެއިން 3 އުމުރު ފުރައަކުން ޗެމްޕިއަންކަން އަދި 1 އުމުރު އުމުރު ފުރައަކުން ރަނަރަޕް ޓީމަކަށް މުހައްމަދު ޖަމާލުއްދީން ސްކޫލް ވަނީ ހޮވިފައެވެ. އެގޮތުން އެ ސްކޫލަށް ވަނީ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ރަނަރަޕް ކަން، އަދި ހަމަ އެ އުމުރުފުރާގެ އަންހެން ކުދިންގެ ޗެމްޕިއަންކަން ލިބިފައެވެ. މީގެ އިތުރުން އެ ސްކޫލަށް ލިބިފައިވާ ވަނަ ތަކުގެ ތެރޭގައި 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެމްޕިއަން ޓީމާއި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ޗެމްޕިއަންކަން ހިމެނެއެވެ.
ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުވައްމުލައް ސްޓޭޑިއަމްގައި އެތުލެޓިކްސް މުބާރާތް ބޭއްވުމުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނު އިރު އިއުލާން ކުރެވުނު ވަނަ ތައް ތިރީގައި މިވަނީއެވެ.
13 އަހަރުން ދަށުގެ ފިރިހެން
3 ވަނަ: އަބޫބަކުރު ސްކޫލް
ރަނަރަޕް: މުހައްމަދު ޖަމާލުއްދީން ސްކޫލް
ޗެމްޕިއަން: ތިނަދޫ ސްކޫލް
13 އަހަރުން ދަށުގެ އަންހެން
3 ވަނަ: އަބޫބަކުރު ސްކޫލް
ރަނަރަޕް: ޖަލާލުއްދީން ސްކޫލް
ޗެމްޕިއަން: މުހައްމަދު ޖަމާލުއްދީން ސްކޫލް
15 އަހަރުން ދަށުގެ ފިރިހެން
ޗެމްޕިއަން: މުހައްމަދު ޖަމާލުއްދީން ސްކޫލް
15 އަހަރުން ދަށުގެ އަންހެން
ޗެމްޕިއަން: މުހައްމަދު ޖަމާލުއްދީން ސްކޫލް
17 އަހަރުން ދަށުގެ ފިރިހެން
ޗެމްޕިއަން: ޏ. އަތޮޅު ތައުލީމީ މަރުކަޒު
17 އަހަރުން ދަށުގެ އަންހެން
ޗެމްޕިއަން: ޝަރަފުއްދީން ސްކޫލް
19 އަހަރުން ދަށުގެ ފިރިހެން
ޗެމްޕިއަން: އައްޑޫ ހައި ސްކޫލް
19 އަހަރުން ދަށުގެ އަންހެން
ޗެމްޕިއަން: ޝަރަފުއްދީން ސްކޫލް
މި މުބާރާތް ފުވައްމުލައް ސިޓީގެ ސްޓޭޑިއަމްގައި މި މަހުގެ 4 އިން 10 އަށް ކުރިއަށް ގެންގޮސްފައިވާ އިރު ޖުމްލަ 108 އިވެންޓު ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގައި 33 ސްކޫލަކުން 809 އެތުލީޓުން ވާދަކޮށްފައިވާއިރު 13 އަހަރުން ދަށުގެ އުމުރު ފުރާ ކުރިއަށް ގެންގޮސްފައިވަނީ ސްޕޯޓްސް ފިއެސްޓާއެއްގެ ގޮތުގައެވެ. އެގޮތުގެ މަތިން އެ އުމުރުފުރާއިން އެންމެ މޮޅު އެތުލީޓުން ހޮވުމުގެ ބަދަލުގައި ވަނީ އަންހެން އަދި ފިރިހެން 3 ވަނަ، ރަނަރަޕް އަދި ޗެމްޕިއަން ޓީމު ހޮވައިފައެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ކުލަގަދަ ހަރަކާތްތަކުގެ އިތުރުން ހަވާ އެރުވުމާއި އެކުގައެވެ.