ސިވިލް ސަރވިސް ކޮމިޝަނުން ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި ބައްދަލުކޮށްފި

ސިވިލް ސަރވިސް ކޮމިޝަނުން ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި ބައްދަލުކޮށްފި
11 މެއި 2023

ސިވިލް ސަރވިސް މުވައަޒަފުންނާ ބައްދަލުކުރެއްވުމާއި ސިވިލް ސަރވިސް އިދާރާތަކުގެ ހާލަތު ދެނެގަތުމަށް ކޮމިޝަނުގެ މެންބަރުން ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އިއްޔެ ބައްދަލުކޮށްފިއެވެ.

މިކައުންސިލުގެ ހުރިާ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުގެ ކުރުނދުމާ މާލަމުގައެވެ. ގިނަ މުވައްޒަފުންތަކެއް ބައިވެރިވި މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން އެ ކޮމިޝަނުގެ މެމްބަރު ފާތިިމަތު އާމިރާ އާއި ފާތިމަތު ޝަރީފް އަދި ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަނީ އާންމުކޮށް ސިވިލް ސަރވިސް މުވައްޒަފުންގެ ފަރާތުން ފެންނަ ވަޒީފާގެ ގަވާއިދުތަކާއި ޙިލާފު އަދި ސުލޫކީ ބައެއް މައްސަލަތައް މިކައުންސިލުގެ މުވައްޒަފުންނާއި ހިއްސާކޮށް އެފަދަ މައްސަލަތައް އެކަހެރި ކުރުމަށް ކުރެވިގެންދާނެ ކަންތައް ވިދާޅުވެދެއްވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ މި ކައުންސިލުގެ މުވައްޒަފުންގެ މެދުގައި ހުރި ސުވާލުތަކަށް ޖަވާބު ދެއްވައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އައްސަވާފައެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލްތަކާއި ކުރައްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު 3 ވަނަ ބައްދަލުވުމެވެ.

ފޮޓޯ ގެލަރީ