ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް އިއްޔެ ހަވީރު ވަޑައިގެން އެރަށުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަސައްކަތް އިފްތިތާޙުކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދުއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ފުވައްމުލައް ސިޓީގެ ޖުްލަ 50 މަގެކެވެ. އެގޮތުން މި މަޝްރޫޢަށް ޖުމުލަ 225 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކަނޑައެޅިފައިވާއިރުމި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރު އަޅައި ތަރައްޤީ ކުރުމުގެ އިތުރުން މަގު ތަކުގައި ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.