އެތުލެޓިކްސް މުބާރާތުގެ އުމުރުފުރާތަކުގެ އެންމެ މޮޅު 6 އެތުލީޓުން ނިސްބަތްވަނީ 6 ސްކޫލަކަށް

 އެތުލެޓިކްސް މުބާރާތުގެ އުމުރުފުރާތަކުގެ އެންމެ މޮޅު 6 އެތުލީޓުން ނިސްބަތްވަނީ 6 ސްކޫލަކަށް
13 ފެބްރުއަރީ 2023

އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް 2023 ގެ އުމުރު ފުރާތަކުގެ އެންމެ މޮޅު އެތުލީޓުން ހޮވައި އެ އެތުލީޓުންނަށް އެކަމުގެ ޓްރޮފީ އާއި ސެޓުފިކެޓު ހަވާލުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ކުލަ ގަދަކޮށް މުބާރާތް ނިންމާލުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި އެކި އުމުރުފުރާތަކުން ވަނަ ވަނައަށް އައި އެތުލީޓުން ތިރީގައި ލިސްޓުކޮށްފައި މިވަނީއެވެ.

15 އަހަރުން ދަށުގެ ފިރިހެން

(152) އަހުމަދު އައިޝަމް އިގްބާލް، ގެމަނަފުށި ސްކޫލް

15 އަހަރުން ދަށުގެ އަންހެން

(225) ލުޔޫނާ ހަސަން އަހުމަދް، ދާންދޫ ސްކޫލް

17 އަހަރުން ދަށުގެ ފިރިހެން

(159) ޒުއިޒް މުހައްމަދު ސުއާދް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް

17 އަހަރުން ދަށުގެ އަންހެން

(876) އާސިޔަތު އަދްފާ ރަޝީދް، ޝަރަފުއްދީން ސްކޫލް

19 އަހަރުން ދަށުގެ ފިރިހެން

(343) އިބްރާހިމް ނާހިލް ނިޒާރު، ގދ. އަތޮޅު ތައުލީމީ މަރުކަޒު

19 އަހަރުން ދަށުގެ އަންހެން

(152) އައިޝަތު ޝައިމް އަޒީޒް، އައްޑޫ ހައި ސްކޫލް

މި މުބާރާތުގައި 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓުކަން ލިބުނު އައިޝަމް ވަނީ މި މުބާރާތުގައި 200 މީޓަރު ދުވުމުންނާއި ލޯންގް ޖަމްޕުން ރަން މެޑަލް އަދި 100 މީޓަރު ސްޕްރިންޓުން ރިހި މެޑަލް ހޯދައިފައެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ލުޔޫނާ ވަނީ 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް އަދި ލޯންގް ޖަމްޕުން ވެސް ރަން މެޑަލް ހޯދައިފައެވެ.

މުބާރާތުގައި 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓު ޒުއިޒް ވަނީ މި މުބާރާތުގައި 2 އިވެންޓަކުން ރަން މެޑަލް ހޯދައިފައެވެ. އެއީ 200 މީޓަރު ދުވުމުންނާއި 400 މީޓަރު ދުވުމުންނެވެ. މީގެ އިތުރުން އެ އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު އަދްފާ ވަނީ 400 މީޓަރު ދުވުމުންނާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފައެވެ.

މުބާރާތުގައި އެންމެ ދޮށީ އުމުރުފުރައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ 19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ނާހިލް ވަނީ ލޯންގް ޖަމްޕުންނާއި 200 މީޓަރު ދުވުމުން ރަން މެޑަލް އަދި 100 މީޓަރު ސްޕްރިންޓުން ރަން މެޑަލް ހޯދައި 100 މީޓަރު ދުވުމުގެ މީޓު ރިކޯޑެއްވެސް ހަދައިފައެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ޝައިމް ވަނީ އޭނާ ބައިވެރިވި 3 އިވެންޓުންވެސް ރަން މެޑަލް ހޯދައިފައެވެ. މި މުބާރާތުގައި ޝައިމް ވަނީ ޖެވެލިން ތުރޯ އިން ރަން މެޑަލް، ލޯންގް ޖަމްޕުން ރަން މެޑަލް އަދި މުބާރާތުގެ ރިކޯޑު އާކޮށްފައެވެ. މީގެ އިތުރުން ހައި ޖަމްޕުން ރަން މެޑަލް ހޯދައި ޝައިމް ވަނީ 27 އަހަރުވީ ގައުމީ އަންހެން ހައި ޖަމްޕް ރިކޯޑް މުގުރާލައިފައެވެ.

ފުވައްމުލައް ސިޓީގައި ފެބުރުއަރީ މަހުގެ 04 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މި މުބާރާތުގައި ޖުމްލަ 33 ސްކޫލަކުން 809 އެތުލީޓެއްވަނީ ވާދަކޮށްފައެވެ. 108 އިވެންޓު ކުރިއަށް ގެންދެވުނު މިމުބާރާތުގައި އެތުލީޓުންވަނީ 20 މީޓު ރިކޯޑް އަދި 1 ގައުމީ ރިކޯޑު ހަދައިފައެވެ.

ފޮޓޯ ގެލަރީ