ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމް ނިންމާލައިފި

ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމް ނިންމާލައިފި
30 އޮކްޓޯބަރ 2023

ފުވައްމުލައް ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ 5 ލަނޑުދަނޑީގެ ތެރެއިން އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަމުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ނަމާދު ޕްރޮގްރާމް ނިންމާލައިފިއެވެ.

01 ސެޕްޓެމްބަރ 2023 އިން 10 އޮކްޓޫބަރ 2023ގެ ނިޔަށް ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމުގައި މިފަހަރު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތީ 9 އަހަރާއި 13 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށެވެ. އެގޮތުން 198 ކުދިން ބައިވެރިވެފައިވާއިރު 161 ކުއްޖަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މިފަހަރުގެ ޕްރޮގްރާމުގައި ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޙަދީޘް ޢިލްމާއި، އިސްލާމީ ރިވެތިއަޚްލާގާއި ސްލޫކާއިގުޅޭ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދެވުނެވެ. މިޕްރޮގްރާމްގައި ދަސްކޮށްދެވުނު އިތުރު ބައިތަކުގެ ތެރޭގައި ވުޝޫކުރުން، ނަމާދުގައި ކިޔާ ތަކެތި، ނަމާދުގެ ހަރަކާތްތައް، ބަންގިއާއި ޤަމަތް، ޚުތުބާ ކިޔުން އަދި ޟުޙާސޫރަތުން ތިރީގެ ސޫރަތްތައް ހިތުން ދަސްކުރުން ހިމެނެއެވެ.

ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލައް ސިޓީގެ ކޮންމެ އަވަށަކުން 1 މިސްކިތެއް ހިމެނޭ ގޮތަށް ޖުމްލަ 6 މިސްކިތެއްގައެވެ. އަދި ޕްރޮގްރާމުގައި މަސައްކަތް ކޮށްފައިވަނީ މިސްކިތްތަކުގެ އިމާމުންނާއި ރިޓައަރޑް އިމާމުންންވެ. ކޮންމެ ހަފްތާ ބަންދެއްގައި ޢަޞުރު ނަމާދުގެ ފަހުން ދީނީ ނަޞޭޙަތް ދިނުމާއި ޚުޠުބާ ހުށަހެޅުމާއި، ބަންގިއާއި ޤަމަތްދިނުން ފަދަ ކަންކަން ކުރިއަށް ގެންދެވުނެވެ. އެގޮތުން އެކި ހަފްތާގައި ގައި އެކި މިސްކިތުގައި ކުދިންނަށް ނަޞޭޙަތް ދިނުން ކުރިއަށް ގެންދެވުނެވެ. އަދި ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ޕްރޮގްރާމުގެ ބައިވެރިންގެ ޢުމުރާ ގުޅޭގޮތުން ޝެއިޚުން މެދުވެރިކޮށް ކުދިންނަށް ވަނީ ނަސޭހަތް ދިނުން ކުރިއަށް ގެންގޮސްފައެވެ.

ޕްރޮގްރާމު ނިންމި ހުރިހާ ކުދިންނަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވާއިރު މީގެ އިތުރުން ކޮންމެ މިސްކިތަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. މީގެ އިތުރުން މުޅި ޕްރޮގްރާމުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި ވަނީ ފައިސާގެ އިނާމާއި އެކި ސްޕޮންސަރުންގެ ފަރާތުން އިނާމު ދީފައެވެ.