މިސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ އެއް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި

މިސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ އެއް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި
28 ޑިސެމްބަރ 2022

ފުވައްމުލައްސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ފެސިލިޓީއެއް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް،މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިކައުންސިލާއި ދެމެދު އެއްބަސް ވުމެއްގައި 2022 ޑިސެންބަރު 28 ވީ ބުދަދުވަހު ހެނދުނު 9:00 ގައި ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ކުރުނދުމާ މާލަމްގައެވެ.

މިލެބޯޓަރީ ޢިމާރާތް ކުރުމަށްޓަކައި ފުވައްމުލަކުގައި ހުންނަ އެގްރޯމޯލްޑިވްސް ކަލެކްޝަން ސެންޓަރާއި އިންވެގެން 27000 (ހަތާވީސްހާސް)އަކަފޫޓުގެ ބިމެއް ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް،މެރިން ރިސޯސްސް އެންޑް އެގްރިކަލްޗަރ އާއި ޙަވާލުކުރެވިފައެވެ. މިބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައިވެސް 2022 ޑިސެންބަރު28 ވަނަދުވަހު ހެނދުނު 9:00 ގައި ވަނީ ސޮއިކުރެވިފައެވެ.

މިދެއެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް،މެރިން ރިސޯސްސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ. ފުވައްމުލައްސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އިސްމާޢީލް ރަފީޤު އެވެ.

ދިވެހިރާއްޖޭގައި އަލަށް ޤާއިމުކުރެވޭ މިލެބޯޓަރީ އަކީ ރާއްޖޭގައި ހެދޭ ގަސްގަހާ ގެއްސަށް ޖެހޭ އެކިއެކި ބަލިތައް ދެނެގަނެ އެބަލިތަކަށް ފަރުވާ ހޯދުމާއި މުޑުވައްކުރުމުގައި އާގޮތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ލެބޯޓަރީއަކަށް ވެގެންދާނެ އެވެ. މިލެބޯޓަރީ ފެސިލިޓީގައި ސޮއިލް އެނެލިޓިކަލް ، ބައޯކޮންޓްރޯލް ، ޓީޝޫ ކަލްޗަރ ،އަދި ޕެތޮލޮޖީ މިހަތަރު ލެބް ގާއިމުކުރެވިގެން ދާނެއެވެ. އެހެންކަމުން މިރަށުގެ އަނބުގަސްތަކާ، އަލައޮޅުތަކަށް މިހާރު ޖެހެމުންދާ ބަލިތައް ދެނެގަނެ އެބަލިތަކަށް ބައޮލޮޖިކަލް ފަރުވާ ހޯދުމަށް މިލެބޯޓަރީ އިން މަގުފަހިވެގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ގަސްގަހާ ގެއްސަށް ޖެހޭ ބަލިތައް ދިރާސާކުރުމަށް ކުރިން ރާއްޖެއިންބޭރަށް ސާމްޕަލް ފޮނުވައިގެން ތަޙުލީލުކުރަމުން ދިޔަ ދިޔުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި މިލެބޯޓަރީގެ ސަބަބުން އެފަދަ މަސައްކަތަކަށް ހޭދަކުރަމުން ދިޔަ ދިގުމުއްދަތު ކުރުވެ އަވަސްކަމާއި އެކު ބަލިތަކަށް ޙައްލުހޯދުމުގެ މަސައްކަތް މިލެބޯޓަރީ އިން ކުރެވިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިޢިމާރާތުގެ މަސައްކަތް ނިމެންވާއިރަށް ލެބޯޓަރީއަށް ބޭނުންވާ މުއައްޒަފުން ހޯދުމާ ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށާއި، ލެބޯޓަރީއަށް ބޭނުންވާ ތަކެތީގެ ތެރެއިން ބައެއްތަކެތި މިހާރުވެސް ލިބިފައިވާ ކަމަށާއި އިތުރުތަކެތި ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމުގައިވެސް ވިދާޅުވިއެވެ.

ފުވައްމުލައްސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވީ މިލެބޯޓަރީ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ދަނޑުވެރިންނަށް ވަކިން ޚާއްޞަކޮށް ފުވައްމުލަކުގެ ދަނޑުވެރިންނަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބި ދަނޑުތަކަށް ޖެހޭ ތަފާތު ބަލިތައް ނައްތާލުމަށް ބެނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފުވައްމުލަކުގެ އަލައޮޅުތަކާއި އަނބުގަސްތަކަށް ޖެހެމުންދާ ބަލިތައް ދެނެގަނެވި އެއަށް ފަރުވާއެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. މިފެސިލިޓީ ޤާއިމުކުރެވިގެންދާއިރު މިސިޓީގައި ތައްޔާރުކުރުމަށް ކައުންސިލުން ނިންމާފައިވާ ބޮޓެނިކަލް ގާޑަންގެ މަސައްކަތަށްވެސް އިތުރު އެހީތެރިކަން ލިބިގެންދާނެކަން މެޔަރ ފާހަގުރެއްވިއެވެ.

ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ މިފަދަ ފުރަތަމަ ލެބޯޓަރީ މިސިޓީގައި ޤާއިމުކުރުމަށް ނިންމަވާ އެކަމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީތީ މިނިސްޓަރ އޮފް ފިޝަރީޒް،މެރިން ރިސޯސްސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން އަށާއި މިކަމަށް ފަންޑުކޮށްދެއްވާ ފަރާތްތަކާއި ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުވައްމުލަކު ރައްޔިތުންނާއި، ސިޓީކައުންސިލްގެ ނަމުގައި ޝުކުރު ދެންނެވިއެވެ.

މިލެބޯޓަރީ ފެސިލިޓީ އަކީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހިސަރުކާރާއި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ހިންގާ "ޕްރޮޖެކްފޯރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ" މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ފެސިލިޓީއެކެވެ.

ފޮޓޯ ގެލަރީ