ތައިލެންޑް ޑައިވް އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

ތައިލެންޑް ޑައިވް އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
18 މެއި 2023

ތައިލެންޑުގައި މިހާރު ކުރިއަށްދާ 'ތައިލެންޑް ޑައިވް އެކްސްޕޯ'ގައި މި ކައުންސިލުން ބައިވެރިވެއްޖެއެވެ.

މި އެކްސްޕޯގައި މިކައުންސިލުން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ޕްރޮމޯޓުކުރުމެވެ. އެގޮތުން މި އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ފުވައްމުލަކުގެ އިތުރު 2 ޑައިވް ސެންޓަރަކުން ވަނީ ބައިވެރިވެފައެވެ.

މި އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ލަކީޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް ދަތުރުފަތުރާއި އެކު ފުވައްމުލަކުގައި 2 މީހަކަށް 5 ދުވަހުގެ ހުރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ފަރާތަކަށް 10 ޑައިވް ކުރުމުގެ ފުރުސަތުވެސް މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ގުރުއަތުން ހޮވޭ ފަރާތެއްގެ ދަތުރުފަތުރުގެ ޓިކެޓްތައް ދިނުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގައި އެފަރާތެއްގެ ހުރުމާއި ކެއުންބުއިން ސްޕޮންސަރ ކޮށްފައިވަނީ ފުވައްމުލަކުގެ ގެސްޓު ހައުސްއެއް ކަމުގައިވާ އަޓަރެކްސިސް އިންނެވެ. އަދި ޑައިވްތައް ސްޕޮންސަރކޮށްފައިވަނީ ފުވައްމުލަކުގެ ޕެލާޖިކް ޑައިވަރސްގެ ފަރާތުންނެވެ.

މިމަހުގެ 18 އިން 21 އަށް ތައިލެންޑުގެ ބެންކޮކުގައި ކުރިއަށްގެންދާ މި އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ސްޓޯލު ވަނީ ފުވައްމުލަކުގެ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ ރީތިކަން ފެންނާނެ ފަދަ ގޮތަކަށް ތައްޔާރުކުރެވިފައެވެ.

ފޮޓޯ ގެލަރީ