ރަށި ބާޒާރޮ 2023ގެ ބޮޑު އިނާމުގެ ނަސީބުވެރިއަކަށް ހޮވުނު ހުސައިން އަލީ އަށް އިނާމު ހަވާލުކޮށްފި

ރަށި ބާޒާރޮ 2023ގެ ބޮޑު އިނާމުގެ ނަސީބުވެރިއަކަށް ހޮވުނު ހުސައިން އަލީ އަށް އިނާމު ހަވާލުކޮށްފި
14 ފެބްރުއަރީ 2023

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ ރަށި ބާޒާރޮ 2023 އަށް ޒިޔާރަތްކުރި ހުރިހާ ފަރާތެއްގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.

އެގޮތުން މި ބާޒާރަށް ޒިޔާރަތްކުރި ހުރިހާ ފަރާތެއްގެ މެދުގައި މެދުގައި ނެގުނު ގުރުއަތުން ބާޒާރުގެ އެންމެ ބޮޑު އިނާމު ކަމަށް ހުށައަޅައިފައިވާ އިނާމު ލިބިފައިވަނީ ފުވައްމުލައް ސިޓީ ސާމިރީގޭ ހުސައިން އަލީ (ބޮޑޭ) އަށެވެ.

ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގައި ފެބްރުއަރީ މަހުގެ 3، 5،6،7 އަދި 8 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި ބާޒާރަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ނެގުނު ގުރުއަތުން 1 ވަނަ އަށް ހޮވުނު ފަރާތަށް ދީފައިވަނީ ފަރުމާ ފަރނީޗަރ އިން ހުށައަޅައިފައިވާ ޑައިނިންގް ސެޓެކެވެ. ހުސެއިން އަލީ އަށް މިހާރު ވަނީ މި އިނާމު ހަވާލުކޮށްފައެވެ.

މީގެ އިތުރުން ބާޒާރަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން ގުރުއަތުން 2 ވަނަ އަށް ހޮވުނު ފަރާތަށް ލިޓަސް އިން ހަދިޔާކޮށްފައިވާ ފޯނެއް ދީފައިވާއިރު 3 ވަނަ އިނާމަކަށް ދީފައިވަނީ އަރުމާނީ އަންހެން އަތުކުރި ގަޑިއެކެވެ. މި އިނާމު ތަކުގެ އިތުރުން ބާޒާރަށް ޒިޔާރަތްކުރި ހުރިހާ ފަރާތެއްގެ މެދުގައި ނެގުނު ގުރުއަތުން ވަނީ އިތުރު 50 ފަރާތަކަށް އެކި ކަހަލަ އިނާމުތައް ދީފައެވެ.

މީގެ އިތުރުން މި ބާޒާރުގައި ވަނީ ކޮންމެ ރެއަކުވެސް އެރެއެއްގައި ބާޒާރަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ގުރުއަތު ނަގައި ތަފާތު އިނާމުތަކެއް ގުރުއަތުން ހޮވުނު މީހުންނާއި ހަވާލުކޮށްފައެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ބާޒާރުގައި ފުވައްމުލަކުގައި ހިންގޭ 51 ވިޔަފާރިއަކުން ބައިވެރިވިއިރު ބާޒާރު ކުރިއަށް ގެންގޮސްފައިވަނީ ވިޔަފާރިތައް 3 ކެޓަގަރީ އަކަށް ބަހާލެވިގެންނެވެ. އެގޮތުން ރަޖިސްޓްރީކޮށްގެން ހިންގޭ 28 ވިޔަފާރިއެއް ބައިވެރިވިއިރު އޮންލައިން ވިޔަފާރިކުރާ 12 ފަރާތެއްގެ އިތުރުން ގޭގައި ތައްޔާރުކުރާ އުފެއްދުންތައް ވިއްކި 12 ފަރާތަކުން ވަނީ މި ބާޒާރުގައި ބައިވެރިވެފައެވެ.

މި ބާޒާރުގައި ބަދިގޭ ސާމާނާއި، ގޭތެރެ ޒީނަތް ކުރުމަށް ބޭނުން ކުރެވޭނެ ތަކެތީގެ އިތުރުން އަންނައުނާއި ގަހަނާ އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ ތަކެތި ލިބޭނެ ފަދަ ސްޓޯލްތައް ހުއްޓެވެ. އަދި ހާޑްވެއަރ ސާމާނާއި ކައްކާ ކެއުން ބުއިމަށް ބޭނުންކުރެވޭނެ ފަދަ ތަކެތިވެސް ލިބެން ހުރެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ތައްޔާރުކުރެވިފައިވާ އެކި ކަހަލަ ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި ކެންޓީނުގެ ހިދުމަތްވެސް ބާޒާރުން ލިބެން ހުއްޓެވެ.